05 Oct 2015, 11:25
ސުޕެނިޝް ލަލީގާގައި ރޭ ވާދަވެރި ރެއާލް މެޑްރިޑާ އެތްލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗް އެއްވަރުވެ ރެއާލް ތާވަލުގެ ދެ ވަނަ އަށް ވެއްޓިއްޖެ އެވެ.
އެތުލެޓިކޯގެ އަމިއްލަ ދަނޑު ވިސެންޓެ ކެލްޑްރޯން ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗްގެ ނުވަ ވަނަ މިނެޓްގައި ރެއާލަށް ލީޑު ނަގައިދިނީ ކަވަހާލް ނަގައިދިން ހުރަހަކުން މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ކަރީމް ބެންޒަމާ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އެތުލެޓިކޯއަށް ނަތީޖާ އެއްވަރު ކޮށްލަން ލިބުނު ޕެނަލްޓީ އެންޓޯނިއޯ ޑިގްރިޒްމަން ވަނީ ބޭކާރު ކޮށްލާފައެވެ.
ދެވަނަ ހާފުގައި އެތުލެޓިކޯގެ ކުޅުން ރަނގަޅުކޮށް މެޗްގެ 83 ވަނަ މިނެޓްގައި އެޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ލޫސިއާނޯ ވިއޭޓޯ އެވެ.

އެތުލެޓިކޯއާ ރެއާލް ރޭ ބައްދަލުކުރި މެޗްގައި އެތުލެޓިކޯގެ ޓޯރޭސް ބޯޅަހިފައިގެން --- ފޮޓޯ: އޭޕީ
މެޗު ނިމުމުގެ ކުރިން އެތްލެޓިކޯއިން ލީޑް ނަގަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. އެގޮތުން މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް ގެ ކީޕާރު ނަވާސް ވަނީ މި މެޗްގައި ވެސް މުހިންމު ސޭވް ތަކެއްކޮށް ރެއާލް އަށް ޕޮއިންޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެ މެޗު އެއްވަރުވެގެން ނިމުމުން، ރެއާލްއަށް ލީގުގައި އެންމެފަހުން އެތްލެޓިކޯއާ ބައްދަލުކުރި 5 މެޗުން ވެސް މޮޅުވެވިފައެއް ނުވެއެވެ.
މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނަ އަށް އަރަން ރެއާލަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ވިޔަރެއާލް އެވެ. އެ ޓީމު ވަނީ ރޭ ލެވަންޓޭ އަތުން 1-0 އިން ބަލިވެފަ އެވެ.
ތިން ވަނައިގައި އޮތް ސެލްޓާ އާއި ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެކަމަކު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ސެލްޓާ އެވެ. އެތުލެޓިކޯ އޮތީ 13 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.