05 Oct 2015, 10:51
ހިފާފައިވާ ގުދްސު (އޮކްޓޯބަރ 5): އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ މަސްޖިދުލް އަގްސާ އަށް ދިޔުމަށް ހުރަސްއަޅައި އަދި ގުދްސުގެ އިރުމަތީ ބަޔަށް ވަނުން މަނާކުރުމާ ގުޅިގެން އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ އާންމުންނާ ދެމެދު ހުޅަނގު އައްސޭރީގައި ވަރުގަދައަށް ކުރިމަތިލުންތައް ހިނގަމުން އެބަދެ އެވެ.
އެ ކުރިމަތިލުންތަކުގައި ހުޅަނގު އައްސޭރީގެ ތޫލް ކަރަމުގައި އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލާފައެވެ. ސުލައިމާން ޙުޛައިފާ ނަމަކަށްކިޔާ އުމުރުން 19 އަހަރުގެ ޒުވާނާ ޝަހީދުކޮށްލާފައި ވަނީ އިސްރާއީލުގެ ސިފައިން އޭނާގެ ބަނޑަށާއި މެޔަށް އެތަށްފަހަރަކު ބަޑިޖެހުމާ ގުޅިގެންނެވެ. އިސްރާއީލާ ދެކޮޅަށް އޮއްގާއުކައި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ތެދުވާ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލު ސިފައިން ހަމަލާދެނީ ލައިވް އުންޑައިންނެވެ.
ފަލަސްތީނުގެ މަސްރަހު މިދުވަސްވަރު ހޫނުވެފައި މި ވަނީ އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ދިޔުމަށް ހުރަސްއަޅައި އަދި ގުދްސުގެ އިރުމަތީ ބަޔަށް ވަނުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެންނެވެ.
ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ވަނުން މަނާކުރުމަށްފަހު އިސްރާއީލު ސިފައިން ވަނީ އެމިސްކިތުގެ ހަރަމްފުޅުގެ އެތެރެއަށާއި މިސްކިތުގެ އެތެރެއަށް ވެސް ވަނުމުގެ ފުރްސަތު ޔަހޫދީންގެ ހަރުކަށި ފަރާތްތަކަށް ދީފަ އެވެ. މިފަރާތްތަކަކީ މަސްޖިދުލްއަގްސާ ހުރި ބިމަކީ ޔަހޫދީންގެ ޒަމާންވީ ފައްޅިއެއް ހުރި ބިމެއް ކަމަށް ބުނެ އެބިން ކޮނުމަށް މަސައްކަތްކުރާ ހައްދުފަހަނަޅާފައިވާ ޔަހޫދީންނެވެ. މީގެކުރިން ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ މަސްޖިދުލް އަގްސާ އަށްވަނުން ދެ ދުވަހަށް މަނާކުރުމަށްފަހު އެތަނުގެ އެންމެ އެތެރެއަށް އިސްރާއީލުން ހަރުކަށި ޔަހޫދީން ވެއްދުމުގެ ސިޔާސަތެއް ގެންގުޅެފައެއް ނުވެއެވެ. ނަމަވެސް މިފަހަކަށްއައިސް އިސްރާއީލުން ގެންދަނީ ފާޅުގައި މިގޮތަށް އަމަލުކުރަމުންނެވެ. މީގެއިތުރުން އަގްސާ މިސްކިތް ހުންނަ ގުދްސުގެ އިރުމަތީ ބަޔަށް ވަނުންވެސް އިސްރާއީލުންވަނީ ފަލަސްތީނުގެ ރައްޔިތުންނަށް މަނާކޮށްފައެވެ.
އިސްރާއީލުގެ މި ހަރުކަށި އަމަލުތަކާ ގުޅިހެން އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ މުގައްދަސްތަންތަން ސަލާމަތް ކުރުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުންނަށާއި އެތަންތަނަށް ބައިނަލްއަގްވާމީ ހިމާޔަތް ދިނުމަށް ރައީސް މަހްމޫދު އައްބާސް ވަނީ އދ. އަށް ގޮވާލައްވާފަ އެވެ. އައްބާސް މިކަމަށް އެދި ގޮވާލައްވާފައި ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ފަލަސްތީނުގެ ރިޔާސަތުން ނެރުނު ބަޔާނެއް ބުނެއެވެ. (އަލްޖަޒީރާ)