05 Oct 2015, 10:44
އަންނަ އަހަރުން ފެށިގެން ކުންފުނިތަކުގެ އަހަރީ ހިސާބު ހުށަހަޅާ އުސޫލުން ބަދަލު ގެންނަވަން ނިންމާފައިވާ ކަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.
'ސަން'އާ ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ މިހާރު ކުންފުނިތަކުގެ އަހަރީ ހިސާބު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށާއި އިކޮނަމިކް މިނިސްޓްރީ އަށް ވަކި ދެ ތާރީޚެއްގައި ހުށަހަޅާ ގޮތަށް އޮތަސް އަންނަ އަހަރުން ފެށިގެން ކުންފުނީގެ ހިސާބުތައް ހުށަހަޅަން ޖެހޭނީ ހަމައެކަނި މީރާ އަށް ކަމަށެވެ.
"އޭރުން ކުންފުނީގެ އަހަރީ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅަން ޖެހޭނީ ހަމަ އެކަނި އެއް އިދާރާއަށް،" ވިސާމް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން ކުންފުނިތަކުގެ ފާއިތުވި އަހަރުގެ އަހަރީ ހިސާބު މީރާ އަށް ހުށަހަޅަން ޖެހެނީ ހިނގަމުންދާ އަހަރުގެ ޖޫން މަހުގެ 30 ގެ ކުރިންނެވެ.
އަދި ކުންފުނިތަކުގެ ފާއިތުވި އަހަރުގެ އަހަރީ ހިސާބު އިކޮނަމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެނީ ހިނގަމުންދާ އަހަރުގެ 30 ނޮވެމްބަރުގެ ކުރިންނެވެ.
ދެ ތަނަކަށް މާލީ ހިސާބުތައް ހުށަހަޅަން ޖެހޭތީ އެކަމުގައި ދަތިތަކެއް ހުންނަ ކަމަށް ކުންފުނިތަކުން ބުނެއެވެ.
އިކޮނަމިކް މިނިސްޓްރީ އާއި މީރާ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިއަހަރު ވެސް ޑިރެކްޓަރުންގެ ރިޕޯޓާއި އަހަރީ ހިސާބު ހުށަހަޅަނީ މީރާ އަށެވެ. އެހެން ނަމަވެސް ވަކި ދެ ތާރީޚެއްގައެވެ.
އަހަރީ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް ހުށަހެޅުމުގެ ސުންގަނޑިއަކީ ނޮވެމްބަރު 30
ކުންފުނިތަކުގެ އަހަރީ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން މީރާ އަށް ހުށަހަޅަންޖެހެއެވެ. އަހަރީ ހިސާބާއި އޮޑިޓް ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓް 30 ނޮވެމްބަރުގެ ކުރިން ހުށަނާޅާނަމަ އެ ކުންފުންޏެއް 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.