ސީރިއާގައި 2000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތާރީހީ ބިނާއެއް ކަމަށްވާ ޕަލްމީރާގެ އާޗެއް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ފުނޑު ފުނޑު ކޮށްލައިފި އެވެ.

ސީރިއާގެ އިންސާނީ ހައްގުތަކާ ބެހޭ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އައިއެސް ޖަމާއަތުން ޕަލްމީރާގެ ތާރީހީ ބިނާއަށް ހަމަލާ ދީފައި ވަނީ އެތަނަކީ ދީނީގޮތުން ގުޅުން ހުރި ތަނެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެކަމާ ގުޅިގެން ސީރިއާގެ ތާރީހީ ކަންކަމާ ބެހޭ އެންމެ މަތީ ވެރިޔާ މާމޮން އަބްދުލް ކާރިމް ރޮއިޓާސް ނިއުސްއަށް ވިދާޅުވީ އައިއެސް ޖަމާއަތުންދޭ ހަމަލާތަކުން އެ ގައުމު ސުންނާފަތި ނުވެ ހުއްނާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ އައިއެސް ޖަމާއަތުގެ އަތްދަށުން ސީރިއާ ސަލާމަތް ވެއްޖެ ނަމަ އެއީ ހަބަރަކަށް ވާނެ ކަމަށެވެ.

ޕަލްމީރާގެ ތާރީހީ ބިނާ އައިއެސް ޖަމާއަތުން ސުންނާފަތި ކޮށްލާތަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރުވެފަ އެވެ. އެއީ އައިއެސް ޖަމާއަތުން ސުންނާފަތިކޮށްލި ޕަލްމީރާގެ ތިންވަނަ ތާރީހީ ބިނާ އެވެ.

މީގެ ކުރިން އައިއެސް ޖަމާއަތުން ހަމަލާ ދީފައި ވަނީ އެތަނުގައި ހުރި ރޯމަން އީރާގެ ދެ ފައްޅިއަކަށެވެ.

އައިއެސްއިން ސީރިއާގެ ތާރީހީ ބިނާތަކަށް ހަމަލާތައް ދެމުންދާ އިރު، ގިނަ ދުވަސްވީ އެފަދަ ބިނާތަކަށްދޭ ހަމަލާތަކަކީ ބޮޑު ކުށެއްގެ ގޮތުގައި އދ. އިން ވަނީ ކަނޑައަޅާފަ އެވެ.