05 Oct 2015, 10:08
ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލަކަށް މަސައްކަތްކުރާ އިރު ކިޔަވައިދިނުމުގެ އާ އުކުޅުތަކަށް މުދައްރިސުން އަހުލުވެރި ކުރުވާން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަބުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ އުގަންނައި ދިނުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާއިރު ޓީޗަރުންނަށް އިލްމީގޮތުން ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް ހިދުމަތުގައި ތިއްބަވާ މުދައްރިސުންގެ ފެންވަރުމަތިކޮށް ކިޔަވައިދިނުމުގެ އައު އުކުޅުތަކަށް އެބޭފުޅުން އަހްލުވެރިކުރުވަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
އެއާ އެކު މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ސްކޫލުތަކުގައި ކިޔަވައިދޭ މުދައްސުންނަކީ ޑިޕްލޮމާއިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ މުދައްރިސަކަށް ވެގެންދާނެ ކަމަށެވެ. މިހާރު ވެސް 1200 އަށްވުރެ ގިނަ ޓީޗަރުން ޑިގްރީ ފެންވަރުގެ ކޯސްތައް ހަދަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިންމު ވައުދަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުން ކަމަށާއި ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތަމްރީނުކުރި މުދައްރިސުން މި މަހު ދަސްވެނިވާނެ ކަމަށާއި އެއީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުދައްރިސުންގެ މަސައްކަތަކީ ޝުކުރުން ފުރިގެންވާ ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް ނުހަނު ބޭނުންތެރި މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.