05 Oct 2015, 10:02
މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގައި ގާއިމުކޮށްފައި ހުރި ކޮންވެންޝަން ސެންޓަރުގެ ގޮނޑިތައް މާލެ ގެނައުމަށް ފަހު އެ ގޮނޑިތައް އަނބުރާ އައްޑޫ ކޮންވެންޝަން ސެންޓަރަށް ގެންދިއުމަށް އެ ގޮނޑިތައް ގެނެސްފައިވާ ފަރާތާ ހަވާލުކޮށްފައިވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގައި ގާއިމުކޮށްފައި ހުރި ކޮންވެންޝަން ސެންޓަރުގެ ގޮނޑިތައް މާލެ ގެނެސްފައިވާތީ އެތަކެއްޗާ މެދު ދެން އަމަލުކުރާނެ ގޮތް އޮޅުން ފިލުމުވުމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިވަން 50ގެ ހަރަކާތްތަކަށް ކޮންވެންޝަން ސެންޓަރުގައި ހުރި 850 ގޮނޑި މާލެ ގެނެސްފައިވާ ކަމަށެވެ.
"އެ ގޮނޑިތައް ގެނައީ އެފަދަ ގައުމީ ބޮޑު ހަފުލާއަކަށް [މިނިވަން 50] އެ ގޮނޑިތަކަކީ އެކަށީގެންވާ ގޮނޑިތަކެއްކަން މިނިވަން 50ގެ ހަރަކާތްތައް އިންތިޒާމު ކުރި ފަރާތްކަކަށް ގަބޫލުކުރެވޭތީ. އެ ގޮނޑިތައް އެ ހަފުލާގައި ބޭނުން ކުރެއްވުމަށް ފަހު ސަރުކާރުގެ ބައެއް ވުޒާރާތަކުން ބޭއްވި ބައެއް ހަފުލާތަކުގައި ވެސް އެ ގޮނޑިތައް ވަނީ ބޭނުން ކުރެވިފައި، އަދި އެ ގޮނޑިތައް ބޭނުންކޮށް މިހާރު ވަނީ ނިމިފައި. ކޮންވެންޝަން ސެންޓަރުގައި ހުރި އެގޮނޑިތައް އަނބުރާ ގެންދިއުމަށް އެގޮނޑިތައް ގެނައި ފަރާތްތަކާ މިހާރު ވާނީ ހަވާލު ކުރެވިފައި،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު މުއިއްޒާ ސުވާލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ރޮޒެއިނާ ވަނީ އިތުރު ސުވާލެއް މިނިސްޓަރާ ކުރައްވައިފަ އެވެ. އެގޮތުން ސަރުކާރުގެ ބައެއް ހަފުލާތަކުގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ބައެއް ހަފުލާތަކުގައި ވެސް އެ ގޮނޑިތައް ބޭނުން ކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ ރޮޒެއިނާ ވަނީ އެކަމަށް ސުވާލު އުފައްދައިފަ އެވެ.
ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫ ކޮންވެންޝަން ސެންޓަރުން ގެނެސްފައިވާ ގޮނޑިތައް ހުރީ ހައުސިން މިނިސްޓުރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ބައެއް ވުޒާރާތަކުން އިންތިޒާމު ކުރި ހަފުލާތަކުގައި އެ ގޮނޑިތައް ބޭނުން ކުރެއްވި ނަމަވެސް ޕީޕީއެމްގެ އެއްވެސް ހަފުލާއެއްގައި އެ ގޮނޑިތައް ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރު ދެންމެ ތިޔަ ވިދާޅުވި ވާހަކައަކީ ހަގީގަތެއް ނޫން. އެ ގޮނޑިތައް ހުރީ ހައުސިން މިނިސްޓުރީގެ ބެލުމުގެ ދަށުގައި. އަދި އެފަދަ އިވެންޓަކަށް އެ ގޮނޑިތައް ބޭނުން ކުރާކަށް މިނިސްޓުރީން ދުލެއް ނުކުރާނަން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ކޮންވެންޝަން ސެންޓަރުގެ ގޮނޑިތައް މާލެ ގެނެސްފައި ވަނީ މިނިވަން 50ގެ ރަސްމީ ދަރުބާރުގައި ބޭނުން ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.