05 Oct 2015, 09:59
ދިމިޝްގު (އޮކްޓޯބަރ 5) : ރަޝިޔާ ސިފައިން ސޫރިޔާއަށް ދެމުންގެންދާ ހަމަލާތަކަކީ ޓެރަރިޒަމުން މެދުއިރުމަތީގެ އެހެން ގައުމުތައް ސަލާމަތް ކުރުމުގެ ހަމަލާތަކެއް ކަމަށް ސޫރިޔާގެ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ސިފަކުރައްވައިފި އެވެ.
ބައްޝާރު ވިދާޅުވީ ހުޅަނގުން އައިއެސް ޖަމާއަތަށް ދިން ހަމަލާތަކުން އައިއެސް ޖަމާއަތް ވަނީ އިތުރަށް ވަރުގަދަ ވެފައި ކަމަށާއި ނަމަވެސް ރަޝިޔާގެ ހަމަލާތަކުން އެޖަމާއަތް ބަލިކަށިވަމުންދާކަން ފާއިތުވި ހައެއްކަ ދުވަހުން ވެސް އެނގިފައިވާ ކަމުގަ އެވެ. އީރާނުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަސްދީ ގަތުމެއްގައި ބައްޝާރު އިތުރަށް ވިދާޅުވީ ރަޝިޔާ އަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގަންނަން ޖެހުނީ އައިއެސްއާ ދެކޮޅަށް ކުރަ ހަނގުރާމައިގާ ހުޅަނގުގެ ބާރުތަކާއި ގަލްފުގެ އަރަބި ގައުމުތައް ފޭލްވުމުގެ ސަބަބުން ކަމުގަ އެވެ. އަދި ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން އައިއެސް ޖަމާއަތް އަވަށްޓެރި ގައުމުތަކަށް ފެތުރުން ހުއްޓުވި އަވަށްޓެރި ގައުމުތަކާއި މުޅި މެދުއިރުމަތީގެ ސަރަހައްދު އައިއެސް ގެ ނުރައްކަލުން ސަލާމަތްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ބައްޝާރު ވިދާޅުވި އެވެ.
އަނެއްކޮޅުން ރަޝިޔާއިން ބުނެފައި ވަނީ އެގައުމުގެ ހަމަލާތަކާ ގުޅިގެން އައިއެސްގެ ހަނގުރާމަ ވެރިން ސޫރިޔާ ދޫކޮށް އެހެންގައުމުތަކަށް ދާން ފަށާފައިވާ ކަމުގައެވެ. ރަޝިޔާގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގެ ހަމަލާތަކުގެ ސަބަބުން އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރުވެ އެޖަމާއަތުގެ ކޮމާންޑް ސެންޓަރުތަކާއި ހަތިޔާރު ގުދަންތަކާއި ތަމްރީން މަރުކަޒުތައް ހަލާކުކޮށްލެވިފައިވާކަން ޖާސޫސީ މައުލޫމާތުތަކުން ހާމަވެފައިވާ ކަމުގައެވެ. އަދި 600 އަށްވުރެ ގިނަ އައިއެސްގެ އިސް ކޮމާންޑަރުން އެމީހުންގެ މަރުކަޒުތައް ދޫކޮށް އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފިލަން ދުވާކަމަށް ވެސް ރަޝިޔާގެ ބަޔާން ބުނެ އެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުންވަނީ ރަޝިޔާ ހަމަލާތައް ދެނީ އައިއެސްގެ ބަދަލުގައި ހުޅަނގުން މަދަދުދޭ ޖަމާއަތްތަކުގެ އަމާޒުތަކަށް ކަމަށް ތުހުމަތުކޮށްފަ އެވެ.
އެމެރިކާ އިން ފައިސާއާއި ތަމްރީންދޭ މިޖަމާއަތްތަކަކީ މެދުމިނުގެ ޖަމާއަތްތައް ކަމަށާ ރަޝިޔާ މަސައްކަތް ކުރަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މިޖަމާއަތްތަކުގެ ދުވަސް ދުއްވާލުމަށް ކަމަށްވެސް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވަނީ ތުހުމަތުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)