އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިގެން ދިޔައިރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ދަނީ ޓެރަރިޒަމްކުގެ ކުށް ސާބިތުވެ 13 އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލަމުން ނެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަމަ އޮތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހައުސިން މިނިސްޓަރާ ކުރައްވާ ސުވާލު ކުރެއްވުމެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ސުވާލު ކުރައްވަމުން ގެންދަވާއިރު ވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދަނީ އިހުތިޖާޖު ކުރައްވަމުން ނެވެ.

މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކުރައްވަމުން ގެންދަވާ އިރު ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ވަނީ ރައްދު ކޮށްފަ އެވެ.

ނިޒާމީ މައްސަލައެއްގައި ވާހަކަފުޅުދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްވާ ތަނެއް ނޫން ކަމަށެވެ.

"ބައެއް މެމްބަރުން އެމީހުން ބޭނުން ކަމެއް ކުރަމުން ދަނީ. މިތަނުގައި މަޖިލިސް ބޭއްވޭނެ މާހައުލެއް ނެތް. ވަޒީރުން މިތަންތަނަށް ގެންނެވުމަށް ފަހު މިއީ ކުރައްވަން ޖެހޭ ކަންތައްތަކެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށުނުއިރު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކުރައްވަމުން ގެންދަވާއިރު ނިމިދިޔަ ދައުރުގައި ވެސް އެޕާޓީއަށް ނިސްބަތްވާ މެމްބަރުން ދިޔައީ ގިނަ ދުވަސްތަކަކަށް މަޖިލީހުގެ ތަޅުމުގައި ތާޅަފިިލި ފަދަ ތަކެތި ބޭނުން ކޮށްގެން އިހުތިޖަޖު ކުރައްވަމުން ނެވެ.