05 Oct 2015, 01:24
އެލެކްސް ސަންޗޭޒް ކާމިޔާބުކުރި ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް އާސެނަލުން ކުރި ހޯދައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗްގައި އެޓީމުގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ މެޗް ފެށިގެން 20 މިނެޓްވެސް ނުވަނީހެވެ.
މިއީ ޕްރިމިއާ ލީގް ވޭތުވެދިޔަ 20 އަހަރުގެ ތާރީޚުގައި މެންޔޫގެ ކޮޅަށް މިހާ އަވަހަށް ތިން ލަނޑުގެ ލީޑެއް ނެގި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އެންމެ އަވަސް ގޯލްތަކުން މެންޔޫ ބަލިކުރީ 1995-1996 ސީޒަންގެ ފުރަތަމަ މެޗްގައި އެސްޓަން ވިލާއިންނެވެ.
ރޭގެ މެޗްގައި ސަންޗޭޒްގެ އިތުރުން އާސެނަލްގެ އަނެއް ލަނޑު ކާމިޔާބު ކުރީ މެސްޓް އޮޒިލްއެވެ. މެޗްގެ ތިން ލަނޑު ޖެހުމުގައި ސަންޗޭޒްއާއި އޮޒިލްގެ އިތުރުން ލަނޑު ޖެހުމަށް ހިއްސާވެފައިވަނީ ތިއޯ ވޮލްކޮޓްއެވެ.
މެޗް ފެށިގެން ހަ ވަނަ މިނެޓް ތެރޭގައި ސަންޗޭޒް ލަނޑު ކަމިޔާބު ކުރިއިރު އޭނާ ގެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮޒިލްއެވެ.
އޭގެ އެއް މިނެޓްފަހުން އާސެނަލްގެ ދެ ވަނަ ލަނޑު އޮޒިލް ކާމިޔާބު ކުރިއިރު އެލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވޮލްކޮޓެވެ.
އާސެނަލްގެ ތިން ވަނަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ސަންޗޭޒް ކާމިޔާބު ކުރީ ވޮލްކޮޓް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗްގައި މެންޔޫއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. ނަމަވެސް މެންޔޫއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ވަނީ ދިފައުކޮށްފައެވެ.
އެގޮތުން ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި މެންޔޫގެ އުމުރުން 19 އަހަރުގެ ޒުވާން ފޯވަޑް އެންތޮނީ މާޝަލް ފޮނުވާލީ ބޯޅަވެސް ޗެކް ވަނީ ދިފާއުކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ މެންޔޫއަށް ލަނޑުޖަހާނެ އެންމެ ފުރުސަތެއްވެސް އާސެނަލްއިން ނުދޭ ކަމަށާއި އާސެނަލްގެ ފަރަތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. އަދި އާސެނަލް މެޗް ފެށި ޓެމްޕޯގެ ސަބަބުން މެންޔޫއިން ހައިރާން ވެފައިވާ ކަމަށް ވެންގާ ބުންޏެވެ.
ވެންގާ ބުނީ 60 މެޗެއް އެއް ލެވަލެއްގައި ނުކުޅެވޭނެ ކަމަށާއި އޭނަގެ ކުޅުންތެރިންނަކީވެސް އިންސާނުންކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"އަހަރެން ގިނަ ޓީމުތަކެއް މެނޭޖު ކުރިން އަދި އެއިން އެއްވެސް ޓީމެއް ނެތް 60 މެޗް އެއް ލެވަލެއްގައި ކުޅެވިފައެއް. އެހެނެއް ނުވާނެ. އަހަރެމެންނަކީވެސް އިންސާނުންކަން ބަލައިގަންނަން ޖެހޭ،" ވެންގާ ބުންޏެވެ.
ވެންގާ ވަނީ ޕީޓާ ޗެކްއާއި ވޮލްކޮޓްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށްފައެވެ.
މެންޔޫގެ ކޯޗް ލުއިސް ވެންހާލް ބުނީ މެޗް ފެށިގެން ދިޔައީ ރަނގަޅަށް ނޫން ކަމަށާއި، މެޗްގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުން އޭނާއަށް ބަލައި ނުގަނެވޭނެ ކަމަށެވެ.
"އަހަރެމެން އެންމެ ފަހުން ކުޅުން ހަތަރު މެޗުން ވަނީ މޮޅުވެފައި. ކުޅުންތެރިން ވަރުބަލި ވެފައިވާތީ އަހަރެން ކުޅުންތެރިންނަށް އަރާމު ކުރުމަށް އެއް ދުވަސް ދިނިން. ހޮނިއިރު ދުވަހު އަހަރެމެން ކުރީ އާދައިގެ ޓްރޭނިންތަކެއް. މިހެން ވުމުން އަހަރެން ވަރަށް ހައިރާންވޭ،" ވެންހާލް ބުންޏެވެ.
ވެންހަލް ބުނީ ކޮންމެ ޓީމަކަށްވެސް ފަހަތައް ވެއްޓޭ ވަގުތު އަންނާނެ ކަމަށެވެ.
މެޗުން މޮޅުވުމައެކު 16 ޕޮއިންޓާއެކު އާސެނަލް ވަނީ ތަވަލްގެ ދެވަނައަށް ޖެހިލަފައެވެ. އެޓީމުގެ ފަހަތުން ތިން ވަނައިގައި މެންޔޫވެސް އޮތީ އެއަދަދަށް ޕޮއިންޓް ލިބިގެންނެވެ. ނަމަވެސް އާސެނަލް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 18 ޕޮއިންޓާއެކުއެވެ.
ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ލިވަޕޫލް ވަނީ އެވަޓަންއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއް ވަރުވެފައެވެ. އެމެޗް ނިމުނުތާ އެއް ގަޑިއިރު ނުވަނީސް ލިވަޕޫލުން ވަނީ އެޓީމްގެ ކޯޗަކަށް ހުރި ބްރެންޑެން ރޮޖާސް އެޓީމުގެ ކޯޗްގެ މަގާމުން ވަކިކޮށްފައެވެ.
ރޭ ސްވަންސާ ސިޓީއާ ޓޯޓަންހަމް ކުޅުނު މެޗްވެސް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.