05 Oct 2015, 12:32
ފައްސަތޭކަ ރުފިޔާގެ ވަގު ނޫޓް ދައުރުވާ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން ކުރަން ފަށައިފި އެވެ.
'ސަން'އާ ވާހަކަދައްކަމުން ބައެއް ވިޔަފާރިވެރިން ބުނީ މިދުވަސްކޮޅު ދައުރުވަމުން ދަނީ 500 ރުފިޔާގެ ވަގު ނޫޓު ކަމަށެވެ. އަދި އެ ނޫޓުގެ ކޮލިޓީ ވަރަށް ދަށް ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ގަލޮޅުގައި ހިންގާ ކޮއިލް މާޓުގެ ވެރިޔާ އާދަމް ނަސީރު "ސަން"އަށް ބުނީ 500 ރުފިޔާގެ ވަގު ނޫޓު ދެ ފަހަރެއްގެ މަތިން އެ ފިހާރައަށް ވިއްކާފައިވާ ކަމަށެވެ.
"މި ފިހާރައަށް ޒުވާނަކު އައީ ވަގު ނޫޓް ހިފައިގެން ވިޔަފާރިކުރަން. އޭރު އިން ސޭޓަށް ނޭނގުނު ވަގު ނޫޓް ކަމެއް. އަނެއްކާވެސް ދުވަސްތަކެއް ފަހުން އައިސްފި ގްރޫޕަކުން ވަގު ނޫޓެއް ހިފައިގެން. އަހަރެން ބުނެފިން ތި ނޫޓުން ބަލައެއް ނުގަވޭނޭ. ބުނީމަ އަވަސް އަރުވާލައިގެން ދިޔައީ،" އާދަމް ނަސީރު ބުންޏެވެ.
އަސްލު ނޫޓު މަތީގައި އަދި ވަގު ނޫޓު ތިރީގައި ---- ސަން ފޮޓޯ: އަލީ ނަސީރު
ބާޒާރު މަތީގެ ބައެއް ފިހާރަތަކުން ވެސް ވަނީ ވަގު ނޫޓް ގެންނަ ކަަމަށް ބުނެފައެވެ. މީގެ އިތުރުން ހާބަރު ކަޑަތަކަށް ވެސް ވަގު ނޫޓް ވިއްކަން މަސައްކަތްކޮށްފައިވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ކަންބޮޑުވާންޖެހޭ ވަރަށް ވަގު ނޫޓުގެ "ކަމެއް" ދިމާވެފައި ނުވާ ކަމަށެވެ. ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ވަގު ނޫޓާއި އަސްލު ނޫޓާއި ހުންނަ ތަފާތު

މި ދުވަސްވަރު ދައުރުވަމުން ދާ ވަގު ނޫޓަކީ ވަރަށް އާދައިގެ ގޮތަކަށް ޕްރިންޓްކޮށްގެން ހަދާފައިވާ ނޫޓެކެވެ. ސަލާމަތީ ރޮދި ފަށުގައި ބަދަލުގައި ވަގު ނޫޓުގައި އެ ރޮދި ފަށް ކުރަހާފައިވެ އެވެ. ސައްހަ ނޫޓަށް އަލިއެޅުވުމުން ފެންނަށް ހުންނަ ދިވެހި ދައުލަތުގެ ނިޝާން ފަދަ ބައެއް ނިޝާންތައް ނުފެނެ އެވެ. އަދި ވަގު ނޫޓްގެ ސީރިއަލް ނަމްބަރުގެ ކުލަ ރަތް ކުލަ އަށް ވުރެ ބޮޑަށް ފެންނަށް ހުންނަނީ ފިޔާތޮށި ކުލައެއްގަ އެވެ.