04 Oct 2015, 23:45
އެކިއެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލާފައިވީ ނަމަވެސް "ހިތާމައަކީ" ގާބިލް ދިވެހި ޒުވާނުން އެފަދަ ވަޒީފާތަކަށް ކުރިމަތި ނުލުން ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، އެ ކުންފުނީގައި ވެސް މިހާރު ގިނަ ވަޒީފާތަކެއް ހުޅުވާލާފައިވާ ކަމަށެވެ.
ހަލީމް ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 290 އަށްވުރެ ގިނަ ވަޒީފާ އެމްޓީސީސީން ދިވެހިންނަށް ދީފައިވާނެ ކަމަށެވެ. އަދި މިހާރު ވެސް 110 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް އެފަދަ ވަޒީފާތަކަށް ކުރިމަތިލާ ދިވެހިންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ ކުންފުނީގައި 110 ވަޒީފާގެ ފުރުސަތު މިހާރުވެސް މިވަނީ ހުޅުވާލާފަ. ނަމަވެސް ހިތާމައާއެކު ދަންނަވާލަން ޖެހެނީ އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް ދިވެހި ގާބިލް ޒުވާނުން އަޅުގަނޑުމެންގެ ވަޒީފާތަކަށް ކުރިމަތި ނުލާކަން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ، "ޓެކްނިކަލް ދާއިރާގައި" ހުރި ފުރުސަތުތަކުގެ ބޭނުންކޮށްގެން ކުރިއަށްދިއުމަކީ އެމްޓީސީސީއާއި ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"މި ފުރުސަތުގައި އަޅުގަނޑު ދިވެހި ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ކުންފުނީގައި ވަރަށް ބައިވަރު ފުރުސަތުތައް އެބަހުއްޓޭ. އެ ފުރުސަތުތަކަށް ތި ބޭފުޅުން ކުރިމަތިލައްވައިގެން ތިބޭފުޅުން ވަޒީފާގެ މާހައުލަށް ކުރިމަތިލައްވައިގެން މަސައްކަތް ކުރައްވާށޭ،" ހަލީމް ވިދާޅުވި އެވެ.