އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް މިރޭ އެވޯޑް ހަވާލުކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޓީސީސީގެ އިސްވެރިންނެވެ. އެގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެވޯޑް ހަތް ފަރާތަކަށް ދިން އިރު، ހިއުމަން ރިސޯސް ޕްރޮގްރާމްގެ ދަށުން 14 މުވައްޒަފަކަށް ވަނީ މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދީފައެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ފަރާތްތައް އެ ކުންފުނީގެ އިސްވެރިންނާއި އިކޮނޮމިކް މިނިސްޓަރާ އެކު ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރު ފަހުކޮޅު އިފްތިތާހުކުރި "އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފޯ ސްޕެޝަލް ނީޑްސް" ގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ އަމިއްލަ ގާބިލިއްޔަތުކަން ސާބިތުކުރުމުގެ ފުރުސަތު ހޯދައިދީ އެ ފަރާތްތަަށް ލިބިފައިވާ ހުނަރުތައް ވަޒީފާގެ މާހައުލުގައި ބޭނުންކުރެވޭނެ މަގު ފަހުކޮށްދިނުމަށް އެކުލަވާލި ޕްރޮގްރާމެކެވެ.

އެގޮތުން މިރޭ އެ ޕްރޮގްރާމްގެ ދަށުން އެވޯޑް ހަވާލުކުރި ހަތް މުވައްޒަފުންނަނީ އެމްޓީސީސީގައި ތަފާތު ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ އެ ކުންފުނީގެ މުވައްޒަފުންނެވެ.

އެމްޓީސީސީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވުު ފަރާތަކާއެކު އެމްޓީސީސީގެ އިސްވެރިން އަދި އިކޮނޮމިކް މިނިސްޓަރު ފޮޓޯއަކަށް ހުއްޓިގެން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެމްޓީސީސީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ކުންފުނީގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމުގެ މަގްސަދުގައި 2000 ވަނަ އަހަރު އެ ކުންފުނީގެ ބޯޑުން އިސްނަގައިގެން ފަށާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މިއަދާ ހަމައަށް އެމްޓީސީސީގެ 40 އަށްވުރެ ގިނަ މުވައްޒަފުން އެ ޕްރޮގްރާމްގެ ދަށުން ވަނީ ތަމްރީނު ހޯދާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ހަލީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ސަބަބުން މަސައްކަތުގެ މާހައުލުގެ ތަޖުރިބާ މުވައްޒަފުންނަށް ލިބުމުގެ އިތުރުން ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ އެ ފަރާތްތައް ބާރުވެރިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.