ލިވަޕޫލްގެ ކޯޗް ބްރެންޑެން ރޮޖާސްއާއެކު އެ ކުލަބުން ހަދާފައިވާ އެގްރިމެންޓް ބަތިލުކޮށް އެ ކުލަބުގެ ކޯޗްކަމުން އޭނާ ވަކިކޮށްފި އެވެ.

ލިވަޕޫލްގެ އޯނާޝީޕް އޮންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޮޖާސް ލިވަޕޫލްގެ ކޯޗްގެ ގޮތުގައި އިތުރަށް ނުހުންނާނެ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ރޮޖާސް ވަކިކުރުމުމަށް ނިންމަން ޖެހުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އެ ނިންމުގެ ސަބަބުން ކުލަބަށް ކާމިޔާބު ހޯދުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ލިވަޕޫލުން ބުނެފައިވަނީ އެކުލަބަށް ރޮޖާސްއާއެކު ގިނަ ކާމިޔާބީތައް ލިބިފައިވާކަން ހަނދާން ކުރާ ކަމަށާއި ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހޭދަ ކުރާނެކަން ޔަގީން ކުރާކަމަށެވެ.

"ރޮޖާސް މިކުލަބަށް ހޯދައިދިން ފާހަގަ ކުރެވޭ ކާމިޔާބަށް ތާރީޚަށްތަކައި އަޅުގަނޑުމެންގެ ފަރާތުން އޭނާއަށް އިހްލާސްތެރި ޝުކުރު އަދާކުރަން. އޭނާ މިކުލަބުގައި ކުރި ބުރަ މަސައްކަތާއި މިކުލަބަށް ކޮށްދިން ކަންތައްތަކަކީ ފާހަގަ ކުރަން ޖެހޭ ކަންތަތަކެއް،" ލިވަޕޫލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެހާސް ބާރަ ވަނަ އަހަރު ޖޫން މަހު ލިވަޕޫލްގެ ކޯޗް ކަމާ ހަވާލުވި ރޮޖާސް މިރޭ އެކުލަބުގެ ކޯޗް ކަމުން ވަކިކުރިއިރު އެޓީމު މިސީޒަންގައި ކުޅުނު 11 މެޗްގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ.

ލިވަޕޫލުން ބުނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރަގަޅު ވަގުތުގައި ލިވަޕޫލްގެ ކޯޗްކަމަށް އެންމެ އެކަށޭނެ ކޯޗަކާ ޓީމު ހަވާލު ކުރާނެ ކަމަށެވެ.

ލިވަޕޫލްގެ ކޯޗްކަމުން ރޮޖާސް ވަކިކޮށްފައި މިވަނީ، އެވަޓަން އާ ވާދަކޮށް 1-1 ލިވަޕޫލް އެއްވަރުވިތާ ގަޑިއެއްހާ އިރުގެ ތެރޭގައެވެ.

ބެލެވޭ ގޮތުގައި ލިވަޕޫލްގެ ކޯޗް ކަމާ ދެން ހަވާލުވަނީ 2008 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަނާ ހަމަޔަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓަމަންޑްގެ ކޯޗްގެ މަގާމުގައި ހުރި ޔާގަން ކްލޮޕްއެވެ. ދާދިފަހުން މެކްސިކޯގެ ފުޓްބޯލް ފެޑްރޭޝަނުން ވަނީ އެގައުމުގެ ގައުމީ ޓީމާ ހަވާލުވުމުށް ކްލޮޕަށް ހުށަހަޅާފައެވެ. ނަމަވެސް އޭނާ ވަނީ އެހުށަހެޅުން ގަބޫލުނުކޮށް އަނބުރަ ފޮނުވާލަފައެވެ.