04 Oct 2015, 22:23
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އދ. އަށް ގޮންޖައްސަވާފައިވާ ކަމަށް ބުނެ އެމްޑީޕީން ފާޑުކިޔައިފި އެވެ.
އެމްޑީޕީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އދ. އަށް ގޮންޖައްސަވައި ދިވެހި ސަރުކާރުން ވާހަކަ ދެއްކުމަކީ ރާއްޖެ އަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭ ކަމެއް ކަމަށެވެ. އަދި ބުނީ އަދި އދ. އަށް ގޮންޖެއްސެވުމަކީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭން ގެންގުޅެފައިވާ ސިޔާސަތެއް ނޫން ކަމަށެވެ.
"އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ މައިގަނޑު ހަމަތަކާއި އުސޫލުތަކުން ނެއްޓިގެން ދިއުމާއި، އދ.ގެ ގުނަންތަކުން ރަސްމީކޮށް ނިންމާ ނިންމުންތައް ޤަބޫލުނުކުރައްވާނޭ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެ، އދ. އަށް ގޮންޖެއްސެވުމަކީ ދިވެހިރާއްޖެ އަށް ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭ ކަމެއްކަމާމެދު ޝައްކެއް ނެތެވެ،" އެމްޑީޕީ އިން މިރޭ ނެރުނު ބަޔާނުގައިވެ އެވެ.
އދ.ގެ 70 ވަނަ ޖެނަރަލް އެސަމްބްލީގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ އދ. އަކީ އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށާއި އެޖަމާއަތް އެގޮތުގައި އޮތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އދ.އަކީ ދުނިޔޭގެ ހާލަތު ބަދަލުކޮށް ރަނގަޅު ބޮޑު ބަދަލެއް ދުނިޔެއަށް ގެނައުމަށާއި އަދި މިހާރު ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭ ފަދަ ތަނަކަށް ހެދުމަށް ޓަކައި އެ ޖަމާއަތަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރާއްޖެ އެކަހެރިވެގެން އޮތުމުގެ ސިޔާސަތު ނުގެންގުޅުމަށާއި އދ. ޗާޓަރަށާއި ބައިނަލްއަގުވާމީ ހަމަތަކަށް ބޯލެބެމުމަށް އެމްޑީޕީ އިން ވަނީ އެބަޔާނުގައި ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.