މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ބްރޭންޑެޑް ނަމެއް ކަމަށް އެޓީމްގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުން މޮޅުވެ ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކުރުމަށްފަހު މިރޭ ސަންއަށް ދިން އިންޓަވިއުގައި ސުޒޭން ބުނީ، މާޒިޔާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ގުނިގެންދާނެ ކަމަށާއި ގިނަ ތަށިތަކެއް ހޯދުމަށް އެކުލަބު ފައްކާވެފައިވާ ކަމަށެވެ.

ސުޒޭން ބުނީ، އޭނާ މާޒިޔާގެ ކޯޗް ކަމާ ހަވާލުވިތަނުން ރާއްޖޭގެ ފުޓްބޯޅައިގެ ބައެއް ކުލަބުތަކުގެ ބައެއް އިސްފަރާތްތަކުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވި ކަމަށާއި ނަމަވެސް އޭނާ ހަވާލުވެ މާޒިޔާ އޭރު އޮތް ހާލަތާ މިހާރު ހޯދަމުންދާ ކާމިޔާބުތައް އަޅައިކިޔަން ޖެހޭ ކަމަށެވެ.

މާޒިޔާއަށް މެޗުން މޮޅުވުމުގައި ސަޕޯޓަރުންގެ ސަޕޯޓާއި ކުޅުންތެރިން ދެއްކި ޓެކްޓިކަލް ޑިސިޕްލިން މުހިންމު ދައުރެއް އަދާކުރިކަމަށް ސުޒޭން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުލަބާ ދެކޮޅަށް ކުޅުނު އިރު މާޒިޔާއަށް ސަޕޯޓަރުންގެ އަދަދު ގިނަ މާޒިޔާގެ ސަޕޯޓަރުންގެ އަޑު ދަނޑުގައި ހިއްޕާލާފައިވުމަކީ މާޒިޔާގައި ފޭން ބޭސްއެއް އުފެދި ބޮޑުވަމުން އަންނަކަން ހާމަކޮށްދޭ ހެއްކެއް ކަމަށް ސުޒޭން ބުންޏެވެ.

އޭނާ ބުނީ މާޒިޔާއަށް މިއަދުގެ މެޗުން ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަކީ މާޒިޔަގައި އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ކުޅުންތެރިޔަކު ހުރުމުގެ އިތުރަށް އައްޑޫއަށް އައިސް ކުޅުންތެރިން ދެއްކި ޑިސިޕްލިންގެ ސަބަބުން ލިބުނު ސަޕޯޓެއް ކަމަށެވެ.