ރައްޔިތުންގެ މަޖިލީހުގެ ރ. ދުވާފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޒުބައިރުގެ ބައްޕަ، ރ. ކަނދޮޅުދޫ ޝަބްނަމީގެ އަހުމަދު ޒަކީ( ޔުނިވަސަލް ޒަކީ) އިއްޔެ ނިޔާވެއްޖެ އެވެ.

ޒަކީ ނިޔާވީ ސުޓްރޯކެއް ޖެހުމަށް ފަހު އެ ބަލީގައި ދުވަސްކޮޅެއްވަންދެން އުޅުއްވުމަށް ފަހު އިއްޔެ މާލޭގަ އެވެ.

ޒަކީ ނިޔާވި އިރު އުމުރަކީ 70 އަހަރެވެ. އޭނާ ދުނިޔެ ދޫކުރެއްވި އިރު ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން އެބަތިއްބެވެ.

ޒަކީ އަކީ މަޝްހޫރު ޓޫރިޒަމް ވިޔަފާރި ކުންފުނި، ޔުނިވަސަލް އެންޓަޕްރައިސަސްގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާގެ ބޭފުޅުންގެ ތެރޭގައި ހިމެނޭ މުހައްމަދު ޒުބައިރަކީ ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގައި ދުވާފަރު ދާއިރާ ތަމްސީލު ކުރެއްވި ބޭފުޅެކެވެ. އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާ ކުރައްވާ އަލީ ޒަކީ އަކީ ވެސް ޒަކީގެ ބޭފުޅެކެވެ.

ޒަކީ އާ އެކު މަސައްކަތް ކުރެއްވި ބޭފުޅު މިއަދު ސަން އަށް ވިދާޅުވީ "ޒަކީބެއަކީ ވަރަށް މަޖާ އެންމެނާ ވެސް ގުޅޭ ހެޔޮ ލަފާ" ބޭފުޅެއް ކަމަށެވެ.