އދ.ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޑަބްލިއުޖީއޭޑީ) އިން ނިންމި ނިންމުމަށް އިހުތިރާމް ކުރުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މިއީ ބައިނަލް އަގުވާމީ އުސޫލްތަކަށް ތަބާވެ ގާނޫނީ ހުކޫމަތު ދަމަހައްޓަން ޖެހޭ ވަގުތު ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ޔޫއެންޑަބްލިއުޖީއޭޑީގެ ނިންމުމަށް އިހްތިރާމް ކުރަން. އޭގެ ސަބަބުން ގައުމީ ސިޔާދަތަށް އަދި ސަރުކާރުގެ ބާރަކަށް ވެސް އަސަރެއް ނުކުރާނެ،" ޖަމީލު ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ޑަބްލިއުޖީއޭޑީ އިން ވަނީ ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅުއްވި މައްސަލަ އެމަނިކުފާނު ކޮޅަށް ނިންމައިފަ އެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ވަނީ އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.

ރައީސް ނަޝީދުގެ މައްސަލައާ ބެހޭ ގޮތުން ކުރީގެ ނައިބު ރައީސް ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޑަބްލިއުޖީއޭޑީގެ ނިންމުމުން އެނގެނީ ރައީސް ނަޝީދުގެ ޝަރިއަތަކީ އިންސާފުވެރި ޝަރިއަތެއް ނޫންކަން ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ޖަމީލު ވަނީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ސިޔާސީ ބޭފުޅުން އެކަހެރި ކުރެއްވުމަށް ޝަރުއީ ނިޒާމް ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑަބްލިއުޖީއޭޑީ އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހަޅާފައިވާ ކަންކަމަށް އެކަށީގެންވާ އަހަމިއްޔަތެއް ދީފައިވޭތޯ ސުވާލު އުފެދޭ ކެމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގައި އޮތް މައްސަލައެއް ކަމަށެވެ. އެއީ ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް، ޝަރުއީ ދާއިރާގައި ހިނގަހިގާ އޮތް މައްސަލައެއްގެ ތެރެއަށް ސަރުކާރަކަށް ނުވަދެވޭނެ ކަމަށާއި އެފަދަ ގޮތަކަށް ސަރުކާރުން އަމަލުކޮށްފި ނަމަ އެވާނީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް އެ ބަޔާނުގައިވެ އެވެ.