04 Oct 2015, 20:45
ޕްރެޒިޑެންޓު ކަޕްގެ ފައިނަލްގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް ކްލަބް މިއަދު ބައްދަލުކުރި މެޗުން ނިއު ބަލިވީ، ރަނގަޅަށް މެޗަށް ކޮންސެންޓްރޭޓް ނުކުރެވުމުން ކަމަށް ނިއުގެ ކުޅުންތެރިއެއް ގޮތުގައިހުރެ މި ސީޒަނުގައި އެޓީމާ އަލަށް ހަވާލުވެ ކޯޗިންގެ ދާއިރާއަށް އަލަށް ނިކުތް ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ނިއުރޭޑިއަންޓާއި ވިކްޓަރީގައި ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ސޮބާ ސަންއާ ވާހަކަ ދައްކަމުން ބުނީ މިއަދުގެ މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ބައިކޮޅަށް އާދައިގެ ގޯލްތަކެއް ވަދެ މެޗަށް ރަނގަޅަށް ކޮންސެންޓްރޭޓް ނުކުރެވުމުން ކަމަށެވެ.
"މިއަދު މެޗަކީ ފިފްޓީ ފިފްޓީގެ ގޭމެއް. މެޗްގައި މިސްޓޭކް މަދު. ރަނގަޅަށް ކޮންސެންޓްރޭޓް އިންނަ ބަޔަކު މެޗް ކާމިޔާބު ކުރާނީ. މިއަދު ފެނުނީ ވަރުގަދަ މެޗެއް. ބައިކޮޅަށް ވަނީ އާދައިގެ ތިން ގޯލް. އަޅުގަނޑުމެންނަށް ރަނގަޅަށް ކޮންސެންޓްރޭޝަން ނުބޭންދިގެން ތަންކޮޅެއް އީޒީ ގޯލް ވަނީ،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ، ނިއުރޭޑިއަންޓުގެ ހުރިހާ ކުޅުންތެރިންގެ ކިބައިން ވެސް މިއަދު ފެނިގެންދިޔަ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މެޗުން މޮޅުވުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުޅުންތެރިންކޮށްފައިވާ ކަމަށެވެ.
"އެމީހުންގެ [ކުޅުންތެރިންގެ] ފަރާތުން ދިން އެމީހިންގެ ބެސްޓް. ފުޓްބޯޅައަކީ މިކަހަލަ އެއްޗެއް. ދެން މިއަދު ފެއިލްވީ،" މާޔޫސް ވެފައި ހުރެ ސޮބާ ކިޔައިދިނެވެ.
ފައިނަލް މެޗެއްގައި ލީޑް ނަގާފައިވަނިކޮށް ފަހަތުންއަރައި މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެއީ ނިއުއަށް ވެސް މިއަދު ވަރަށް އުނދަގޫވި ކަމެއް ކަމަށް ސޮބާ ބުންޏެވެ.
ކޯޗިންގެ ދާއިރާއަށް މުޅިން އާނަމަވެސް ކުޅުންތެރިއެއްގެ ގޮތުގައި ސޮބާއަކީ ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކުރީގެ ކުޅުންތެރިއެކެވެ.