މަޝްހޫރު މޮބައިލް ފިހާރަ "އެލް މޮބައިލް" އިން ވިއްކާ "އެޕަލް" ބްރޭންޑްގެ ޑިވައިސްތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭން ފަށައިފި އެވެ.

އެ ފިހާރައިގެ މެނޭޖަރު ހުސައިން އަބްދުﷲ ވިދާޅުވީ އެ ފިހާރައިން ވިއްކާ އެޕަލްގެ ޑިވައިސްތަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭން ފަށާފައިވާ ކަމަށާއި އެ ގޮތުން މިހާރު އެލް އިން ވިއްކާ އެޕަލް އައިފޯނާއި އައިޕެޑާއި އައިޕޮޑް ޓަޗަށް ވޮރެންޓީ ލިބޭނެ ކަމަށެވެ.

އެޕަލް ޑިވައިސްތަކަށް ވޮރެންޓީ ދޭން ނިންމީ ރާއްޖޭގައި އެޕަލްގެ މާކެޓް ފުޅާވެފައިވާއިރު އެއީ އަގު ބޮޑު ޑިވައިސްތަކަށް ވުމުން އެ ޕްރޮޑްކްޓްތައް އެލްއިން ހޯދާ ފަރާތްތަކަށް އިތުބާރާއި ޔަގީންކަން ހޯދައި ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޮރެންޓީ ދޭން ފެށުމުން އަޅުގަނޑުމެންގެ ކަސްޓަމަރުން އިތުރުވެ ވިޔަފާރިއަށް ހެޔޮ ބަދަލު އަތުވެއްޖެ. އެކަމަކު އަޅުގަނޑުމެންގެ މައިގަޑު ބޭނުމަކީ ޕްރޮޑަކްޓް ގަންނަ ފަރާތްތަކަށް އިތުބާރު ހޯދައިދީ ގަންނަ ފަރާތް ހިތްހަމަ ޖައްސައިދިނުން. އަޅުގަނޑުމެން މިދެނީ މާކެޓް ޕްރައިސް ވޮރެންޓީއެއް،" ހުސައިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ އެލްއިން މާލޭގައި ގާއިމްކޮށްފައިވާ ހަ ފިހާރައިން ވެސް ވޮރެންޓީ ދޭނެ ކަމަށެވެ. އަދި އަމާޒަކީ އެޕަލްގެ ޑިވައިސްތައް ގެންގުޅޭ މީހުންނަށް ދިމާވާ ހުރިހާ މައްސަލައެއް އެލް މެދުވެރިކޮށް ހައްލުކޮށް ދިނުން ކަމަށެވެ.