ހުރަވީ ބިލްޑިންގައި ހުންނަ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އޮފީހުގެ ކައުންޓަރަކުން 450،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފައިސާ ނަގާފައިވާ ވަނީ މިއަދު އިމިގްރޭޝަންގެ ބްރޭކް ގަޑީގަ ކަމަށެވެ. އެހެން ނަމަވެސް އެވަގުތު އޮފީހުގައި އެއްވެސް މުވައްޒަފަކު ހުރި ކަމެއް ނުވަތަ ނެތް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

"މިއަދު މެންދުރެއްހާއިރު މައްސަލަ ހުށަހަޅާފައި ވަނީ. އެ މައްސަލަ މިދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ވައްކަން ކޮށްފައި ވަނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭ ހިދުމަތްދޭ އޮފީހުންނެވެ.