މިނިވަން 50 އާއި ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ އާ ނޫޓް ސީރީޒް 'ރަން ދިހަފަހެއް' އިފްތިތާހު ކުރުމުގެ ޖަލްސާ އެކެއް ނޮވެމްބަރުގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

އާ ނޫޓްތައް ތައާރަފްކުރަން ކުރިން ހަމަޖެހިފައި އޮތީ މާދަމާ އެވެ. އެހެންނަމަވެސް އެމްއެމްއޭ އިން ވަނީ ވަކި ސަބަބެއް ނުބުނެ އެ ރަސްމިއްޔާތު ފަސްކޮށްފައެވެ.

އެމްއެމްއޭ އިން ބާއްވަން ހަމަޖައްސާފައި އޮތް 'ފައިނޭންޝަލް އެކްސްޕޯ' މިހާރު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ މަހު ދޭއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަަން ހަމަޖެހިފައި އޮތީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމެވެ.

އަލަށް ނެރޭ ނޫޓް ސީރީޒަކީ އެންމެ ޒަމާނީ، ސަލާމަތީ ސިފަަތައް ބޭނުންކޮށްގެން، ޕޮލިމާ ގައި ޗާޕްކޮށްގެން ނެރޭ ނޫޓްތަކެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ ވިދާޅުވިއެވެ. ޕޮލިމާގައި ފައިސާ ޗާޕްކުރުމުން އެ ފައިސާ ނަކަލުކޮށްގެން ވިއްކުމަކީ ނުކުރެވޭނެ ކަަމެއް ކަމަށް އެމްއެމްއޭއިން ވަނީ ކުރިން ބުނެފައެވެ.

އާ ނޫޓާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދަތުރުކުރުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އާ ނޫޓް ސީރީޒް ބޭނުންކުރުން ހަަމަޖައްސާފައި އޮތީ ޑިސެމްބަރު މަހުގައެވެ.

އާ ނޫޓް ސީރީޒް ގައި ހިމެނޭ 10، 20، 50، 100، 500 އަދި 1000 ގެ ނޫޓެވެ.

ފައިނޭންޝަލް އެކްސްޕޯގައި ރަންދިހަ ފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގައި އެކި ދުވަސްވަރު ބޭނުންކުރި ފައިސާ ދައްކާލާނެ ކަމަށް އެމްއެމްއޭ އިން ވަނީ ކުރިން ބުނެފައެވެ. އަދި އެ އެކްސްޕޯ ބާއްވާ އެއްމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މާލީ ދާއިރާގައި ހުރި ހިދުމަތްތަކާއި މާލީ ދާއިރާގެ މައުލޫމާތު ވީހާވެސް ބޮޑުކޮށް އާއްމުންނަށް ފޯރުވައިދިނުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އެ އެކްސްޕޯ ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ އަންނަ މަހު ފަހަކުން ހަތަކަށެވެ.