މިދިޔަ އަހަރު ހަނިމާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލީ ހާލިދު ހޮވިއްޖެ އެވެ.

ހަނިމާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަލީ ހާލިދު ވަނީ އޯލެވެލްގެ ގަދަ 10ގެ ދެ ވަނަ ވެސް ހޯދާފަ އެވެ. ހަނިމާދޫ ސްކޫލުން މަތީ ސާނަވީ ތައުލީމު ހާސިލު ކުރަމުން އަންނަ އަލީ ހާލިދު ވަނީ މިދިޔަ އަހަރު ސްކޫލުގެ ކެޕްޓަން ކަން ވެސް ކޮށްފައެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ޝަފީގު ވިދާޅުވީ ވޭތުވެ ދިޔަ އަހަރު ހަނިމާދޫ ސްކޫލުން 22 ދަރިވަރަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައި ކަމަށެވެ. އެގޮތުން އޯލެވެލް އިމްތިހާނުގައި އާލީ ހާލިދުގެ އިތުރުން އެހެން ދަރިވަރަކު ވެސް ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފައިވެއެވެ.

އެގޮތުން ގަދަ 10ގެ ނުވަ ވަނައިގައި އެ ސްކޫލުގެ ދަރިވަރު އަލީ ނާފިލް ވެސް ހިމެނިފައިވެ އެވެ.

ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ރޭ ބޭއްވި އެ ރަށު ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ސްކޫލުގެ ގަދަ 10 ދަރިވަރުން ވަނީ ހޮވާފަ އެވެ. އޭގެ އިތުރުން ރަށުގައި ބޭއްވި އިތުރު ހަރަކާތްތަކުން އެކި ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް ވަނީ ރޭގެ ޖަލްސާގައި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.