ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮން ގޮއްވި މައްސަލައިގައި ހަތަރު އަހަރު ވަންދެން ފިލައިގެން އުޅުމަށްފަހު މި މަހު މާލެ އައުމުން ފުލުހުން ހައްޔަރު ކުރި މުހައްމަދު އިގްބާލް ކްރިމިނަލް ކޯޓުން ރޭ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އިގްބާލް، 42، ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުން ރޭގައި ކަމަށެވެ. ނަމަވެސް އެކަމަ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.

ސަލްޓަން ޕާކުގައި ސެޕްޓެމްބަރު 29، 2007 ގައި ބޮމެއް ގޮއްވާލައި ޓުއަރިސްޓުންތަކަކަށް ހަމަލާދިން މައްސަލައިގައި ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާ 10 މީހަކު ހޯދުމަށް ފުލުހުން ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ. އޭގެ ތެރެއިން މިހާތަނަށް އަތުލައިގަނެވުނު އިގުބާލާއި މ. ގޯލްޑްރިންގް، އިބްރާހިމް މަސްލަމަތު އަތުލައިގެންފައި ވަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިންނެވެ.

ސަލްޓަން ޕާކުގެ ބޮމުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ލ ކަޅައިދޫ، ފިނިހިޔާގޭ، މޫސާ އިނާޒް ޖަލަށްލާފައި ހުއްޓާ ތިން ފަހަރަށް ވަނީ ފިލައިފަ އެވެ.