20 Apr 2010, 10:16
10:00
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބިލުން ޕްރޮވިންސްތައް އުނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސް ކުރިއަސް، މި ފަސް އަހަރު ރާއްޖޭގެ އަތޮޅުތައް ހިންގާނީ ޕްރޮވިންސްތަކުގެ މައްޗަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ ޑީއާރުޕީން ބޭނުންވާ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްގީކުރަން ބޭނުން ވިޔަސް އަދި ލާމަރުކަޒީ ބިލު އެގޮތަށް ބައްޓަން ކުރިއަސް މި ފަސް އަހަރު ރާއްޖޭގެ އަތޮޅުތައް ހިންގާނީ ޕްރޮވިންސްތަކުގެ މައްޗަށް ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ޕޮވިންސްތައް އުފެއްދުމަށް ދެ ޕާޓީގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުމާއި ގާނޫނު އަސާސީގައި ބުނާ ކަމެއް މާނަކުރުމުގައި ހިޔާލު ތަފާތު ވާނަމަ، އެންމެ ފަހު ބަސް އިންވާނެ ފަރާތަކީ ސުޕްރީމްކޯޓް ކަމަށްވެސް މޫސަ ވިދާޅުވި އެވެ. އެގޮތުން ސުޕްރީމްކޯޓްގެ އެންމެ ފަހު ނިޔާ ކަނޑައެޅުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްކޮށް އަވަހަށް އެ މައްސަލަ ސުޕްރީމްކޯޓް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްބާރުލުން ދިނުމަށް މޫސަ ގޮވާލެއްވި އެވެ.
ރޭގެ ޖަލްސާގައި ޑީއާރުޕީގެ އާ ލީޑަރޝިޕާ މިރޭ ހަވާލުވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ މައިދާން ދޫކުރައްވައި ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ރައީސް މައުމޫންގެ ސަރުކާރުން ހިންގާފައިވާ ޖަރީމަތައްކުން ރެކިވަޑައިގެންނެވުމަށް ކަމަށްވެސް މޫސަ ތުހުމަތުކުރެއްވި އެވެ. އަދި ރައީސް މައުމޫން ހައްޔަރު ކުރުމަށް ސަރުކާރަށް މޫސަ ގޮވާލެއްވި އެވެ.
މިކަމާ ގުޅިގެން ޑީއާރުޕީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.