04 Oct 2015, 16:24
ރާއްޖޭގެ ބްރޯޑްކާސްޓިން މީޑިއާގެ ވެށި އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
މިއަދު ފާހަގަ ކުރާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ދެއްވި ޚިތޯބެއްގައި ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓަރުން މަސައްކަތް ކުރަމުން ދަނީ 'ރިސްކް ގައި' ކަމަށެވެ.
"އަދުގެ ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންނަކީ ރިސްކްގައި މަސައްކަތްކުރާ ބައެއް. ކެނޑިނޭޅި ލިބެމުންދާ އިންޒާރުތަކުގެ ތެރޭގައި ބިރުވެރިކަން ތަހައްމަލު ކުރަމުންދާ ބައެއް. އެހެންކަމުން ރާއްޖޭގެ ބްރޯޑްކާސްޓިންގެ ވެށި މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި،" މެސެޖްގައި ޝަހީބު ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ މި ހާލަތު މުރާޖައާ ކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ މިއަދުގެ މުނާސަބާގައި ކުރަން ވެފައި އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ބްރޯޑްކާސްޓިން ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެސެޖްގައި ޝަހީބު ވިދާޅުފައި ވެއެވެ.
"...ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި ކޮމިޝަނުން އަންނަނީ ދުރާލާ ރާވައިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެގޮތުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ކޮމިޝަނަށް ލާޒިމްކުރާ، ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް"، މެސެޖްގައި ވެއެވެ.