މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީގައި ގާއިމް ކޮށްފައި ހުރި ކޮންވެންޝަން ސެންޓަރުގެ ގޮނޑިތައް މާލެ ގެނެސްފައިވާތީ އެތަކެއްޗާ މެދު ދެން އަމަލުކުރާނެ ގޮތް އޮޅުން ފިލުމުވުމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާދަމާ މަޖިލީހަށް ހާޒިރުކުރަން އެޖެންޑާ ކޮށްފި އެވެ.

ކޮންވެންޝަން ސެންޓަރުގެ ގޮނޑިތައް މާލެ ގެނެސްފައި ވަނީ މިނިވަން 50ގެ ރަސްމީ ދަރުބާރުގައި ބޭނުން ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެ ގޮނޑިތައް އަލުން އަނބުރާ ކޮންވެންޝަނަށް ގެންދޭތޯ އަދި ގެންދާ ނަމަ އެކަން ކުރަން ނިންމާފައި ވަނީ ކޮންތާރީހެއްގައިތޯ ސާފުކޮށް މިނިސްޓަރާ ސުވާލު ކުރުމަށް އެދިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

"އައްޑޫ ސިޓީގައި ހުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހުރި ގޮނޑި ފަދަ ތަކެތި ވަނީ މިނިވަން 50 ގެ ހަރަކާތްތަކާއި ގުޅިގެން މާލެ ގެނެވިފަ އެވެ. މިތަކެތި އަނބުރާ އައްޑޫ ސިޓީއަށް ވިސްނާފައިވޭތީ އާއި އެގޮތަށް ވިސްނާފައިވާ ނަމަ. މިތަކެތި އަނބުރާ ގެންދާނީ ކިހާ ދުވަހަކުންތޯ؟ " މާދަމާގެ މަޖިލިސް ޖަލްސާގައި މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރު މުއިއްޒުއާއި ކުރަން ހަމަޖެހިފައިވާ ސުވާލުގައިވެ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ވަނީ ހައުސިންގް މިނިސްޓަރު މުއިއްޒު ހާޒިރުކޮށް ބައެއް ކަންކަމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.