އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަން އަތުން 3-1 ނަތީޖާއަކުން ޗެލްސީ ބަލިވިއިރު ފަހަތުން އަރައި ނިއުކާސަލްގެ މައްޗަށް 6-1 ނަތީޖާއަކުން ކުރި ހޯދައި މެންޗަސްޓާ ސިޓީ ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑު ސްޓޭމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ލީޑް ނެގީވެސް ޗެލްސީއިންނެވެ. މެޗްގެ 10 ވަނަ މިނެޓުގައި އެޓީމަށް ލަނޑު ކާމިޔާބުކުރީ ވިލަންއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ސައުތުހެމްޓަންގެ ސްޓީވެން ޑޭވިސް އެއްވަރުކޮށްދިން އިރު އެ ޓީމަށް ލީޑު ނަގައިދިނީ 60 ވަނަ މިނެޓުގައި ސެޑިއޯ މާނޭ އެވެ.

އެޓީމުގެ ތިން ވަނަ ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ގްރެޒިއާނޯ ޕެލާއެވެ.

އެ ނަތީޖާއާ އެކު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އޮތީ އަށް ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގައިއެވެ. އެއް ވަނައިގައި އޮތް މެންސިޓީ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މެންޗަސްޓާ ސިޓާއާ ނިއުކާސަލް ބައްދަލުކުރި މެޗްގައި ސިޓީގެ އަގްއެރޯ ލަނޑު ޖަހަނީ --- ފޮޓޯ: އޭޕީ

ރޭ އަމިއްލަ ދަނޑުގައި މެންސިޓީ ކުޅުނު މެޗުގައި ނިއުކާސަލްއަށް ލީޑް ނަގައިދިނީ އެޓީމަށް މެޗުގެ 18 ވަނަ މިނިޓްގައި އަލެކްސަންޑަ މިޓްރޮވިޗް އެވެ. އޭގެ ތިން މިނިޓް ފަހުން ލީޑު ފުޅާކުރަން މިޓްރޮވިޗަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން 42 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ވަނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ 16 މިނިޓް ތެރޭ ހަތަރު ލަނޑު ޖަހައިފަ އެވެ. އަގުއޭރޯ ލަނޑުތައް ޖެހީ 49، 50، 62 އަދި 62 ވަނަ މިނިޓްގަ އެވެ. އޭނާ ފަސް ލަނޑު ހަމަކުރީ 20 މިނިޓް ތެރޭގަ އެވެ.

ސިޓީގެ އަނެއް ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ކްރިސްޓަލް ޕެލަސް ވަނީ 2-0 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އަތުން 1-0 ސްޓޯކް މޮޅުވިއިރު ބޯންމައުތު އާއި ވަޓްފޯޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނޯވިޗް ސިޓީ އަތުން 2-1 އިން ލެސްޓާ ސިޓީ މޮޅުވިއިރު ސަންޑަލެންޑާއި ވެސްޓްހެމް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.