04 Oct 2015, 15:41
ޕެރިސް (އޮކްޓޯބަރު 4) : ފަރަންސޭސިވިލާތުގެ އިރު ދެކުނުގެ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 13 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިއްޖެ އެވެ.
ފަރަންސޭސި ސަރުކާރު ބުނާ ގޮތުން ފެންބޮޑުވެފައި ވަނީ ބާރުގަދަ ކޮޅިގަނޑުތަކާ އެކު ބޯކޮށް ވާރޭވެމުގެ ސަބަބުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ފަރަންސޭސިވިލާތުގެ އިރު ދެކުނުގެ އެލްބް މެރީތިމް ސަރަހައްދާއި ރެވިރާ ސަރަހައްދުން ވަނީ ކަރަންޓާއި މުވާސަލާތުގެ ޚިދްމަތްތައް ވެސް ކެނޑި އިމާރާތްތަކަށާއި އާންމުންގެ ގެދޮރަށް މާއްދި ގެއްލުންތައް ލިބިފަ އެވެ. މީގެ އިތުރުން ފަރަންސޭސި އިރު ދެކުނުގެ ރައްތަކާއި ވިލެޖްތައް ގުޅުވައިދޭ ރޭލްވޭތައްވެސް ވަނީ ހުއްޓިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެތައް ހާސް ފަސިންޖަރުންނެއް ވަނީ ރޭލްވޭސްޓޭޝަންތަކުގައި ތާށިވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ފެންބޮޑުވުމުގެ ސަބަބުންނާއި މުވާސަލާތީ ގުޅުންތައް ކެނޑުމުގެ ސަބަބުން އެތައް ސަރަހައްދެއްގައި މީހުންވަނީ އެކަހެރިވެފަ އެވެ. އަދި 35 ހާސް ގެއަކުން ކަރަންޓާއި ފޯނާއި އިންޓަނެޓްގެ ޚިދްމަތްތައް ކެނޑިފައިވެ އެވެ.
ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ރަނގަނޅަށް ސާފުވެފައިނުވާތީ މަރުވި މީހުންގެ އަދަދު މަތިވުން އެކަށީގެންވާ ކަމަށް ފަރަންސޭސި މަސްއޫލުވެރިން ވިދާޅުވެ އެވެ. ފަރަންސޭސިވިލާތުގެ މޫސުމާބެހޭ އިދާރާ ބުނާ ގޮތުން އަދި ވެސް ކުރިޔަށްއޮތް ކަމަށް ލަފާކުރެވެނީ ގަދަ ވިއްސާރައާއި ގަދަވައިގެ ކޮޅިގަނޑުތަކެވެ.
ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވަނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހިތެރިވާ ޓީމްތަކަށް ތާރީފު ކުރައްވާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ވިއްސާރައިގާ މަރުވެފައިވާ ގިނަމީހުންނަކީ މުސްކުޅިންނެވެ. މީގެތެރެއިން ގިނަމީހުން މަރުވެފައިވަނީ ގެނބިގެންކަމަށްވެ އެވެ. (ބީބީސީ)