26 Mar 2011, 14:00
ދިވެހި މަސްވެރިނާއި ދަނޑުވެރިންގެ އުފެއްދުންތަކަށް ބާޒާރުހޯދުމަށް "ވެލިއު ޗެއިން ކޯޕަރޭޓިވްއެއް" އުފެއްދުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ނިންމައި އެކަމަށް ޝައުގު ވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓް(އިފާޑް)ގެ ލޯނު އެހީގެ ދަށުން ހިންގާ އެ ޕްރޮގްރާމުގެ ދަށުން ވެލިއު ޗެއިން ކޯޕަރޭޓިވް އުފައްދަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޯޕަރޭޓިވްއެއް އުފެއްދުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތުގައި އާދައިގެ ގޮތެއްގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި ގްރޫޕް ހަދައިގެން ނުވަތަ ރަށު ފެންވަރުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
ދަޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ވެލިއު ޗެއިން ކޯޕަރޭޓްގެ ހިއްސާ ފުރަތަމަ ވާނީ ސަރުކާރާއި ކޯޕަރޭޓިވްގެ މެންބަރުންގެ ފަރާތުން ކަމަށާއި ޕްރޮގްރާމް ނިމޭ އިރު ސަރުކާރުން ލާ ހިއްސާއެއް އެއްކޮށް ތަކެތި އުފައްދާ ފަރާތްތަކަށް ބަދަލު ކުރާނެ ކަމަށެވެ.
ވެލިއު ޗެއިން ކޯޕަރޭޓިވްއަކުން މަދު އާމްދަނީ ލިބޭ ދަޑުވެރިކަމާއި މަސްވެރިކަން ކުރާ ފަރާތްތަކަށް އެމީހުން އުފައްދާ ތަކެތި ބާޒާރުގައި ވިއްކައި އެއިން ރަނގަޅު އާމްދަނީއެއް ހޯދުމަށް އެހީވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އެފަދަ ކޯޕަރޭޓިވްތަކުން ފޯރުކޮށް ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.