ރާއްޖޭގެ ސިއްހީ ދާއިރާގައި ޕްރޮފެޝަނަލް މީހުން އިތުރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗްއޯ) އާ ރާއްޖޭން މަޝްވަރާކޮށްފިއެވެ.

ޑަބްލިއު އެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެވަޑައިގެންނެވުމަށް ފަހު އެކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ހެލްތު ޕްރޮފެޝަނަލުން އިތުރު ކުރުމާ ބެހޭ ގޮތުން ޑަބްލިއު އެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ.ޕޫނަމް ކެތުރަޕާލްސިންގް އާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"...ދިވެހި ޑޮކްޓަރުން އަދި ނަރުހުން، ހެލްތު ޕްރޮފެޝަނަލުން އިތުރު ކުރުމަށް މަޝްވަރާ ކުރެވުނު. އެއީ ބައިލެޓަރަލް މީޓިން ތަކެއްގައި، އަދި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރް އަރިހުގައި ވެސް މަޝްވަރާކުރެވުނު،" މިނިސްޓީރިއަލް ކޮމިޓީން ހާސިލުވި ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާގެ ޕްރޮފެޝަނަލް މީހުން އިތުރު ކުރުމަށް ބައެއް ގައުމުތަކުގެ ސަރުކާރު ތަކާ ވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޑޮކްޓަރުންނަށް އިތުރު ތަމްރީނު ދިނުމަށް ސްރީލަންކާއަށް ފޮނުވުމާ ބެހޭ ގޮތުން އެގައުމުގެ ހެލްތު މިނިސްޓަރާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"...ވަޒީރަށް ދައުވަތެއް ވެސް އެރުވިފައި ވަނީ ރާއްޖެއަށް ވަޑައިގަންނަވާ އިރު އެގްރިމެންޓެއްގައި ސޮއިކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޓީމޯރް ލެސްތޭގައި ބޭއްވި މިނިސްޓްރީއަލް ކޮމިޓީގައި މައިގަނޑު ފަސް ކަމަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ގަރާރުތައް ފާސްކޮށްފައިވާ ކަމަށާއި އެކަންތައްތަކުގައި ރާއްޖޭން އިސް ދައުރެއް އަދާކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"...މީޓިން ގައި ފާސްކުރެވުނު ހުރިހާ ގަރާރެއްގައި ވެސް ރާއްޖޭގެ ފަރާތުން ޓެކްނިކަލް ލެވެލްއެއްގައި ވަނީ ނެގޯޝިއޭޓްކޮށްފައި،" އޭނާ ވިދާޅުވިއެވެ.