ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ރާއްޖެ އައި ބޭރުގެ ތަޖުރިބާކާރުން ފުރައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެތަހުގީގަށް ރާއްޖެ އައި ހުރިހާ ބޭފުޅުން ރޭގެ ނިޔަލަށް ފުރާފައިވާ ކަމަށެވެ. އެބޭފުޅުން ފުރިނަމަވެސް ތަހުގީގުގައި އަދިވެސް ބައިވެރިވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމައްސަލަ ތަހުގީގް ކުރުމަށް ރާއްޖެއިން ބޭރުން ފޮރެންސިކް 20 ތަޖުރިބާކާރުން ރާއްޖެ އައިސްފައިވެއެވެ. އޭގެ ތެރޭގައި ލަންކާގެ ހަތަރު މީހަކާއި އިންޑިއާގެ ފޮރެންސިކް ތިން މީހުންގެ ޓީމަކާއި އެމެރިކާގެ އެފްބީއައިގެ ހަތަރު މީހަކާއި ސައުދީގެ ނުވަ މީހުން ހިމެނެއެވެ.

އެޓީމް ރާއްޖެއިން ފުރާފައިވާއިރު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގާ ގުޅުންހުރި ބައެއްތަކެތި ތަހްލީލުކުރުމަށް ބައެއް ގައުމުތަކަށް މިހާރު ވަނީ ފޮނުވާފައެވެ. އެމައްސަލާގެ އެއްވެސް ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި ވަނީ ހައްޖުގެ އަޅުކަމަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލެ ވަޑައިގަތުމަށް ލޯންޗުކޮޅު އިއްޒުންދީން ފާލަމާއި ކައިރިކުރަނިކޮށެވެ.