04 Oct 2015, 13:09
ޔޫއެފާ ސްޕަކަޕްގައި ސެވިއްޔާގެ މައްޗަށް ކުރިހޯދި ބާސެލޯނާ އިން ސްޕެނިޝް ލީގްގައި ރޭ އެޓީމު އަތުން 2-1 ގެ ނަތިޖާއަކުން ބަލިވެ ލީގްގައި ދެ ވަނަ ފަހަރަށް ބަލިވެއްޖެއެވެ.
ސެވިއްޔާގެ ދަނޑު ސަންޗޭޒް ޕިޒްހުއާން ސްޓޭޑިއަމްގައި ކުޅުނު މެޗްގައި އެޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޑެންމާކުގެ ޑިފެންޑަރު މައިކަލް ކްރޯން ޑޭލީއާއި ވިސެންޓޭ އިބޮއްރާއެވެ. ބާސާގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ނޭމާ ޑަސިލްވާއެވެ.
ބާސާގެ އެއް ވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް އަނިޔާވެފައިވުމާއެކު ބާސާގެ ކޯޗް ލުއިސް އެންރީކޭ އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި މެޗަށް ނިކުތީ ޒުވާން މިޑްފީލްޑަރު މުނީރު އަލް ހައްދާދީ ހިމަނައިގެންނެވެ.
ފޯރި ގަދަކޮށް ފެށި މެޗްގެ ކުރީ ކޮޅުގައިވެސް ސެވިއްޔާއިން ވަނީ ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗްގެ 11 ވަނަ މިނެޓްގައި ސެވިއްޔާގެ ކެވިން ގަމީރޯ ބޮލުން ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ޑައިވްކޮށް އެބޯޅަ ސަލާމަތްކޮށްފައެވެ.
އެ ހަމަލާއަށް ފަހުވެސް ސެވިއްޔާ ވަނީ ބާސާގެ ގޯލަށް ނުރައްކާކޮށްފައެވެ. 21 ވަނަ މިނެޓްގައި ގަމީރޯ ފޮނުވާލި ބޯޅަ ބްރޯވާ ވަނީ ދިފާއުކޮށް ސެވިއްޔާއަށް ލަނޑު ޖެހުމަށް ހުރަސް އަޅާފައެވެ.
މެޗްގެ 24 ވަނަ މިނެޓްގައި ބާސާއިން ވަނީ ލަނޑު ޖާހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ނޭމާ ފޮނުވާލި ހިލޭ ޖެހުން ސެވިއްޔާގެ ކީޕަރު ސާޖިއޯ ރިކޯ ދިފާއުކުރުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ އެބޯޅަ އޭނާ ފަހަނައަޅައި ގޯލް ތެރެއަށް ވަންނާނެ ކަމަށެވެ. ނަމަވެސް ބޯޅަ ރޮނގުމަތިން ގޮސް ސެވިއްޔާ ގޯލް ކުރިމައްޗަށް ދިޔައިރު ގޯލް އޮތީ ހުސްކޮށެވެ.
ޕެނަލްޓީއަކަށްވުރެވެސް ތަނަވަސް ފުރުސަތެއް ލިބިގެން ދިޔައިރު ބޯޅަ ޖަހަން އެރި ބާސާގެ ޖެރާޑް ޕީކިޔު އެބޯޅަ ފޮނުވާލަން މަސަކައްތް ކުރި ނަމަވެސް ސެވިއްޔާގެ ޑިފެންޑަރު ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.
ސެވިއްޔާގެ ފުރަތަމަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ކްރޯން ޑޭލީ ކާމިޔާބު ކުރީ ގަމީރޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ފުރަތަމަ ލަނޑު ޖެހިތާ ހަ މިނެޓްފަހުން 58 ވަނަ މިނެޓްގައި އިބޮއްރޯ ވަނީ ސެވިއްޔާގެ ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގެ ލަނޑު ނޭމާ ކާމިޔާބު ކުރީ ބާސާގެ ސެންޑޯރޯ ފޮނުވާލި ބޯޅަ ސެވިއްޔާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ބެނުއާޓް ޓްރޮމޮލިނަސް އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީގައެވެ.
ރޭގެ މެޗުން ބާސާ ބަލިވުމުން ލީގްގެ ކުރީގައި ހަމަޖެހިލަން ލިބުނު ފުރުސަތު އެޓީމަށް ވަނީ ގެއްލިފައެވެ. މިވަގުތު 16 ޕޮއިންޓާއެކު އެއް ވަނައިގައި ވިލަރެއާލް އޮތް އިރު މިރޭ ރެއާލް މެޑްރިޑާ އެތުލެޓިކޯ މެޑްރިޑް ކުޅޭ ވާދަވެރި މެޗުން ރެއާލް މޮޅުވެއްޖެނަމަ އެޓީމަށް ތަވާލްގެ އެއް ވަނަ ލިބޭނެއެވެ.
މިދެޓީމު ކުޅޭ މެޗް ފަށާނީ ރާއްޖޭ ގަނޑިން މިރޭ 11:30 ގައެވެ.