04 Oct 2015, 12:52
ބާރަ ރަށެއްގެ ނަރުދަމާ ނިޒާމުގެ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ދެ ކުންފުންޏަކާ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ހަވާލުކޮށްފި އެވެ.
ދެ މަޝްރޫއެއް ގޮތަށް، ދެބަޔަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ގްރީންޓެކް ކޮންސަލްޓެންޓާއި ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމް އެވެ. ގްރީންޓެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ދިޔަތް ގުންވަރްދަނާ އެވެ. ރިޔަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިސްމާއީލް އިބްރާހިމް އެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގާއި ގްރީންޓެކް ކުންފުންޏާ ދެމެދު އެއްބަސްވުން ބަދަލުކުރައްވަނީ ---- ސަން ފޮޓޯ./ ފަޔާޒު މޫސާ
ގްރީންޓެކް ކޮންސަލްޓެންޓް އަށް ހަވާލުކޮށްފައި ވަނީ ހދ. ވައިކަރަދޫ އާއި ށ. ފޭދޫ އާއި ކ. ދިއްފުއްޓާއި ގއ. ކަނޑުހުޅުދޫ އަދި ގއ. މާމެންދޫގެ އިތުރުން ގދ. ފަރެސްމާތޮޑާގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތެވެ. ޖުމްލަ ހަ މަސް ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 1،240،330 ރުފިޔާ އަށެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގާއި ރިޔަން ކުންފުންޏާ ދެމެދު އެއްބަސްވުން ބަދަލުކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ ބ. ކެންދޫ އާއި ހއ. އުތީމާއި ޅ. ކުރެންދޫ އާއި އދ. އޮމަދޫގެ އިތުރުން ދ. ބަނޑިދޫ އަދި ކ. ގުޅީގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތެވެ. ޖުމްލަ ހަ މަސް ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 1،720،359 ރުފިޔާ އަށެވެ.
ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޠާރިގް ވިދާޅުވީ މިސަރުކާރުން އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ޓަކައި ގިނަ ރަށްތަކެއްގައި ޕްރޮޖެކްޓްތައް ހިންގަމުން ކަމަށެވެ. އެގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.