ފެލިވަރު ފިޝަރީޒު ކޮމްޕުލެކްސް ކޭނަރީ އަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމުގެ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ފަށައިފި އެވެ.

މިފްކޯ އިން އިއްޔެ ބުނީ ފިޝަރީޒް ކޮމްޕުލެކްސްގެ ކޭނަރީ 50 ޓަނަށް އަޕުގުރޭޑް ކުރެވި އަންނަ މަހުގެ ނިޔަލަށް ކޭނަރީގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭ އިރު 200 ވަރަކަށް މުވައްޒަފުން އެ ކުންފުންޏަށް އިތުރަށް ބޭނުންވާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ. މިފްކޯ އިން ބުނީ ކޭނަރީއަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމުގެ ގޮތުން މިފްކޯ އެޗުއާރު ޓީމުން ޅ. އަދި ނ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޖޮބު ފެއާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ޅ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން އެ އަތޮޅު ނައިފަރުގައި ފެއާއެއް ބާއްވާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މިފްކޯ އިން ބުނީ ކޭނަރީ އަޕުގްރޭޑިން މަސައްކަތް ނިމި އޮޕަރޭޝަން ފެށެންވާއިރަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާތީ އެ ޖޮބުފެއާ ހިނގަމުންދާ އިރު ކޭނަރީއަށް ބޭނުންވާ ދިވެހި މުވައްޒަފުން ނެގުމުގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުންދާނެ ކަމަށެވެ. އަދި ބުނީ އެ މަސައްކަތް ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ދާނެ ކަމަށާއި އަދި އެ އަތޮޅު ނިންމާލުމަށް ފަހު ކޭނަރީ އަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ނ. އަތޮޅުގައި ޖުބު ފެއާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ ފެލިވަރު އަޕުގުރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ.

"އަޕުގުރޭޑު ކުރުމުގެ މަސައްކަތް ރޯދަ މަސްކުރިމަތިވެ އަދި ކޭނަރީ އޮޕަރޭޝަން ނުހުއްޓާ އަޕުގުރޭޑިން މަސައްކަތް ކުރިއަށް ދާތީ ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ލަސްވަމުން ދިޔަ ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ނިޔަލަށް ކޭނަރީ އަޕުގުރޭޑިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ." މިފްކޯ އިން ބުންޏެވެ.

މިފްކޯއިން ބުނީ ކޭނަރީ އަށް ބޭނުންވާ އިކްވިޕްމަންޓުތައް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އެގޮތުން ކޭނަރީއަށް ބޭނުންވާ 18 ކޮންޓޭނަރުގެ މުދާ އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މިފްކޯ އިން ބުނީ ފެލިވަރު ފިޝަރީޒު ކޮމްޕުލެކްސް ކޭނަރީއަށް ތިން މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށެވެ.