އދ.ގެ މަގުސަދުތައް ހާސިލު ކުރަން ބޭނުން ނަމަ އެޖަމާއަތަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

އދ.ގެ 70 ވަނަ ޖެނަރަލް އެސަމްބްލީގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ އދ. އަކީ އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށާއި އެޖަމާއަތް އެގޮތުގައި އޮތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް އދ.އަކީ ދުނިޔޭގެ ހާލަތު ބަދަލުކޮށް ރަނގަޅު ބޮޑު ބަދަލެއް ދުނިޔެއަށް ގެނައުމަށާއި އަދި މިހާރު ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭ ފަދަ ތަނަކަށް ހެދުމަށް ޓަކައި އެ ޖަމާއަތަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ބޮޑެތި މައްސަލަތަކަށް އަވަސް ހައްލުތަކެއް ގެންނަން ކަމުގައިވާ ނަމަ، އަޅުގަނޑުމެން ބޭނުން ވަނީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުކުރޭވޭ ބަދަލުތަކެއް ގެންނަން ކަމުގައިވާ ނަމަ، ކުއްލި ހާލަތުގެ ނުރައްކަލުގެ ތެރޭގައި ތިބި ފަރާތްތަކަށް އުންމީދެއް ހޯދައިދޭން ބޭނުންވާ ކަމުގައިވާ ނަމަ، އުނދާގޫ ހާލަތަކާ ކުރިމަތިލުމަށް ހިތްވަރު ހޯދައިދޭން ބޭނުންވާ ކަމުގައިވާ ނަމަ، ގައުމުތަކުގެ ކުޑަބޮޑު މިނަށް ނުބަލައި ހައްގުތައް ހިމާޔަތްކޮށްދޭން ބޭނުން ކަމުގައިވާ ނަމަ، އދ.އަށް އިސްލާހީ ބަދަލުތަކެއް ގެންނަން މަޖުބޫރު،" ދުންޔާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތަށް މައްސަލަތަކުން އަރައިގަންނަން ބޭނުންކަމުގައިވާ ނަމަ މައްސަލަތަކަށް ހުރިހާ ދިމާލަކުން ބަލަން ޖެހޭ ކަމަށާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް ރޭވުންތެރިކަމާ އެކު ތަފާތުގޮތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެކަން ކުރުމަށް ޓަކައި އިންސާނިޔަތައް ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ހިމެނޭގޮތަށް "ސަލާމަތްތެރިކަމުގެ އުސޫލްތައް" އަލުން މުރާޖާކުރަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ދިވެހީންގެ ސަލާމަތްތެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވަމުން އަންނަ އިރު ރައްޖޭގެ ހައްގުތައް ގެއްލި ގައުމެއްގެގޮތުގައި ދެމިއޮތުމަށް ހުރަސް އެޅެމުންދާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

އދ.އަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ. އެގޮތުން ދުނިޔޭގެ ކަންކަން ނިންމުމުގައި ވީޓޯ ކުރުމުގެ ބާރު ހަމައެކަނި ފަސް ގައުމަކަށް އޮންނަ އޮތުން ބަދަލުކުރުމަށް މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް މީގެކުރިން ވަނީ ގޮވާލާފަ އެވެ.