ރާއްޖޭގެ އަންހެން ގައުމީ ޓޭބަލް ޓެނިސް ޓީމް އަންނަ އަހަރު މެލޭޝިއާގައި ބާއްވާ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައި ވެއްޖެ އެވެ.

އަންހެން ޓީމް އެ މުބާރާތައް ކޮލިފައިވީ ރޭންކިން މެޗްގައި ކިރުގިސަތާނާ ވާދަކޮށް 3-2 ސެޓުންނެވެ. އޭގެ ކުރިން ތައިލެންޑްގައި ކުރިޔަށް ދިޔަ އޭޝިއަން ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އަންހެން ޓީޓީ ޓިމް ވަނީ ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލާއި މަރިޔަމް ޝަފީގް (ޒިއުނީ) އަދި އައިޝަތު ރަފާ ނާޒިމް އެވެ.

ތައިލެންޑްގައި ކުރިޔަށް ދިޔަ އެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ޓީމު ދެ މެޗުން ބަލިވި އިރު ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިއެއްނުވެ އެވެ.

ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހުރުގެ ފެބްރުއަރީ 28 އިން މާޗް ހަވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގަ އެވެ.