04 Oct 2015, 12:50
މިނިވަން ފަންސާހުގެ ހަރަކާތްތަކަށް އެޅި ހަރުކާޕެޓްގެ ސަބަބުން ވިނަ ގަނޑު ހަލާކުވި ގައުމީ ފުޓްބޯޅަ ދަނޑުގައި މިމަހު އަނެއްކާވެސް ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުޅެން ފަށާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ ދަނޑުގެ ވިނަތައް މިހާރު ރަނގަޅު ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ. އެހެންކަމުން ވޯލްޑްކަޕް ކޮލިފައިންގައި ގައުމީ ޓީމް ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅޭ މެޗްތަކަށް ފަހު، ދަނޑުގައި ދިވެހި ޕްރިމިއާ ލީގްގެ މެޗްތައް އަލުން ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަނޑުގެ ވިނަގަނޑު ރަނގަޅު ކުރުމަށްޓަކައި އެފްއޭއެމުން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ގަތަރުގައި އިމާރާތް ކުރާ ސްޓޭޑިއަމްގައި ވިނަ ހެއްދުމުގެ އެކްސްޕާޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ނިއުޒީލެންޑްގެ ޕިޗް އެކްސްޕާޓެއް ގެނެސް އޭނާގެ ބެލުމުގެ ދަށުން ދަނޑުގެ ވިނަގަނޑު ރިކަވާ ކުރުމުގެ މަސައްކަތް ކޮށްފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގެ ވިނަ ގަނޑު މިހާރު އޮތްގޮތް: ދަނޑުގެ ވިނަގަށޑު ރިކަވާ ކުރުމުގެ މަސައްކަތް ހިނގަމުން ދަނީ ނިއުޒިލެންޑްގެ އެކްސްޕާޓެއްގެ ބެލުމުގެ ދަށުން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ބައްސާމް ވިދާޅުވީ މިދިޔަ ހަފުތާގައި ހޮންކޮންގްގެ އެކްސްޕާޓެއް އައިސް ދަނޑުގެ ވިނަގަނޑު އޮބްޒާވް ކުރުމަށްފަހު ވިނަގަނޑު އޮތީ ކުޅޭވޭ ހާލަތައް އައިސްފައިކަމަށް ވިދާޅުވެފައިވާކަމަށެވެ.
އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ކުރިން ވިދާޅުވެފައި ވަނީ ދަނޑުގެ ވިނަ ގަނޑު އަލުން ރިކަވާ ވެގެން އަންނައިރު ފީފާގެ ސްޓޭޏްޑަޑާ އެއްގޮތައް ވިނަގަނޑު އޮންނާނެކަމަށެވެ.
އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ބައްސާމް ވިދާޅުވީ ހޮންކޮންގުން ވަޑައިގެންނެވި އެކްސްޕާޓްވެސް ދަނޑުގެ ވިނަގަނޑާ މެދު ހިތްހަމަޖެހުންފާޅުކުރައްވާފައިވާ ކަމަށާއި އެހެންކަމުން އަލުން ކުޅެންފަށާއިރު ފީފާގެ ސްޓޭންޑަޑާ ގާތް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދަނޑުގެ ވިނަގަނޑު ރިކަވާ ކުރުމުގެ މަސައްކަތް އަދި މުޅިން ނުނިމޭ ކަމަށާއި އެ މަސައްކަތް އަދިވެސް ކުރިއަށްދާނެ ކަމަށެވެ.