04 Oct 2015, 10:56
ނިއުރޭޑިއަންޓްގެ ކޯޗްގެ މަސްއޫލިއްޔަތު އުފުލަމުންދާ ސޮބާހް މުޙައްމަދު (ސޮބާ) އަކީ ކުޅުންތެރިޔެއްގެ ގޮތުގައި ދިވެހި ފުޓްބޯޅައިގައި ކާމިޔަބު ހޯދާފައިވާ ކުޅުންތެރިޔެކެވެ. ދިވެހި ފުޓްބޯޅަ މިހާތަނަށް ހޯދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ސޮބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ދެހާސް ދެ ވަނަ އަހަރު ކޮރެއާގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޗައިނާގައި 10-1 ގެ ނަތީޖާ އިން ދިވެހި ޓީމް ބަލިވި އިރު ސޮބާއަކީ ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިޔެއް ނޫނެވެ. އޭރު ސޮބާއަށް ޖާގަ ލިބެމުން ދިޔައީ 23 އަހަރުން ދަށުގެ ގައުމީ ޓީމުންނެވެ.
ނަމަވެސް އޭގެ ފަސް ދުވަސް ފަހުން މާލޭގައި ޗައިނާއާ ދެކޮޅަށް 1-0ގެ ނަތީޖާ ފަރަގު ކުޑަ ކުރި މެޗްގައި ސީނިއާ ޓީމުން ސޮބާއަށް ޖާގަ ދިނެވެ. އެއީ ސީނިއާ ޓީމުގައި ސޮބާގެ ފެށުމެވެ.
އެއަށް ފަހު ފުޓްބޯޅައިގައި ފާހަގަ ކުރެވުނު ކޮންމެ ކާމިޔާބީއެއްގައި ދިވެހި ޓީމުތައް ނިކުތީ ޓީމުގެ މައި ޑިފެންސް ސޮބާއާ ހަވާލުކުރުމަށް ފަހު އެވެ. އޭޝިއާގެ ފުޓްބޯޅައިގައި ގަދަފަދަ ސައުތުކޮރެއާ ދެކޮޅަށް އެއްވަރުކުރި މެޗާއި 2005 ވަނަ އަހަރު ނިއުރޭޑިއަންޓް އޭއެފްސީ ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި އިރު ވެސް ނިއުގެ ފަހަތުގައި ސޮބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެއަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖެއަށް ފުޓްބޯޅައިން ރަން މެޑަލެއް ލިބުނު އިރު ވެސް ސޮބާ ވަނީ ގައުމީ ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެކާމިޔާބުގައި ދިވެހި ޓީމުގައި ހިމެނުނު ކޮންމެ ކުޅުންތެރިޔަކާ މެދު ދިވެހިން ދެކެނީ ބަޠަލެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ކުލަބު ލެވަލްގައި ހޯދި ކާމިޔާބުތަކުގައި ވެސް ސޮބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބާރުގަދަ ދެ ކުލަބު ނިއުރޭޑިއަންޓާއި ވިކްޓްރީގެ ކާމިޔާބިތަކުގައި ވެސް ސޮބާ ވަނީ ހިއްސާވެފަ އެވެ.
މިއަދު ޕްރެޒިޑެންޓް ކަޕްގެ ފައިނަލްގައި އެ ކުލަބެއްގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި ކުލަބު ގޮވައިގެން ނިކުންނަ އިރު މިއަދު އެކުލަބާ އެކު އޭނާ ގުނަމުން ދަނީ އާ ޗެޕްޓާއެކެވެ. މިއަދު އޭނާ ހުރީ ކުޅުންތެރިޔެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ ގޭމް ޓެކްޓިކްސް ރާވައި، ކުޅުންތެރިންނަށް އިރޫޝާދު ދޭން ހުރި ކޯޗެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުލަބުގެ ކޯޗްގެ ޒިންމާ ނަގައިގެން ހުރެފައިނަލްގައި އޭނާ ނިކުންނަނީ އޭނަގެ ކުރީގެ ކޯޗް ޢަލީ ސުޒޭންއާ ދެކޮޅަށެވެ. ސުޒޭން ކޯޗިން ކެރިއާގައި ހޯދި ގިނަ ކާމިޔާބުތަކުގައި އެކަމުގައި އެންމެ ބޮޑަށް ހިއްސާވި ކުޅުންތެރިޔަކީ ސޮބާ އެވެ. އޭނާއަކީ ސުޒޭންގެ އެއް ކެޕްޓަނެވެ.
މިއަދު ފައިނަލް ވެގެންދާނީ ސޮބާގެ އާ ޗެޕްޓާގެ އެންމެ ފުރަތަމަ އިމްތިހާނަށެވެ. ނަމަވެސް ސޮބާ ބުނަމުން ދަނީ އޭނާއަކީ ފައިނަލަށް އާ މީހެއް ނޫންކަމަށެވެ. އޭނާ އަށް އޮތް އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ކުޅުންތެރިޔެއްގެ ގޮތުގައި ޕްރެޒިޑެންޓް ކަޕް މިލްކުކޮށްފައިވުމެވެ.
ޕްރެޒިޑެންޓްކަޕްގެ ފައިނަލްގައި ކާމިޔާބުތަކުގެ ތަޖުރިބާތަކާ އެކު މިއަދުގެ މެޗަށް ނިކުންނައިރު ސޮބާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ކުޅުންތެރިންގެ ތެރޭގައި ފައިނަލްގެ ތަޖުރިބާ ހުރި ކުޅުންތެރިން ގިނަ ވުމެވެ.
މާޒިޔާއަކީ މިއަދު ދިވެހި ފުޓްބޯޅައިގައި ނިއުއަށް ފަހު އެންމެ ބާރުގަދަ އެއް ކުލަބެވެ. ގައުމީ ޓީމުގެ ކުޅުންތެރިން އެންމެ ގިނައިން ހިއްސާ ކުރާ އެއް ކުލަބަކީ ވެސް މާޒިއާ އެވެ.
އެކަން ސޮބާ ރަނގަޅަށް ދަނެ އެވެ. އޭނާ ބުނީ އިދިކޮޅު ޓީމުގެ ފެންވަރާ މެދު އޭނާ ސުވާލު ނުއުފައްދާ ކަމަށާއި އެކުލަބަށް އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް ސޮބާ ޖެހިލުމެއް ނުވެ އެވެ.
ސޮބާ ބުނީ ނިއުގެ ޓީމު ވެސް ނިކުންނަނީ އިދިކޮޅު ޓީމަށް އިހްތިރާމްކޮށްގެން ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކުރުމަށެވެ.
މިއަދުގެ ފައިނަލަކީ ސޮބާއާ ސުޒޭންގެ ކުރިމަތިލުމެއްތޯ ސުވާލު ކުރުމުން ސޮބާ ބުނީ އެ ޓީމުގައި އޭނާގެ އިތުރުން ސުޒޭންގެ ކާމިޔާބީގައި ހިއްސާވި ހަތަރު ކުޅުންތެރިޔަކު އެބަތިބި ކަމަށާއި އެ ނަޒަރުން ކިޔާ ނަމަ ސުޒޭންއާ ދެކޮޅަށް މިއަދު ނިކުންނަނީ އޭނާގެ ކޯޗްކަމުގެ ދަށުން ކުޅުނު ފަސް ކުޅުންތެރިން ކަމަށެވެ.
ސޮބާ އެއިޝާރާތް ކުރީ ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ނިއުގެ ޑިފެންޑަރު މުޙައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހްމަދު (ޝާފީ) ގެ އިތުރުން ނިއުގެ ކްޕޓަން އަސްހަދު ޢަލީ (އަޑޭ) އެވެ.
ކުޑައްޓޭ އަކީ ސޮބައަށް ފަހު ވިކްޓްރީގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާއެ އެވެ. އޭނާ އަށް ފަހު ސުޒޭންގެ އިރުޝާދުގެ ދަށުން ކެޕްޓަން ބޭންޑު އެޅީ ޝާފީއެވެ. އޮއޮޕޮއަކީ ވިކްޓްރީގައި ސުޒޭން ހޯދި ކާމިޔާބުގެ އެންމެ މުހިންމު އެއް ތަނަބެވެ. އަޑޭއަކީ ވިކްޓަރީ އިން ރެކްރޫޓްވެގެން އައި ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ.
ނަމަވެސް ސުޒޭން ބުނަނީ އޭނާއަކީ ކޯޗެއްގެ ގޮތުން ވެސް ޕްރެޒިޑެންޓް ކަޕް ހޯދާފައިވާ ކޯޗެއް ކަމަށެވެ. ސުޒޭންގެ އެބަހަށް ސޮބާ ބުނީ އެކަމަށް ޓަކައި ސުޒޭންއަށް ފުރިހަމައަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް އޭނާއަކީ ސުޒޭންގެ އެ ކާމިޔާބީތައް ހޯދި އިރު އެކަމުގެ ފަހަތުގައި ހިއްސާވި ކުޅުންތެރިޔެއް ކަމުން ފައިނަލަށް ނިކުންނަ އިރު އޭނާ ވެސް ޖެހިލުން ނުވާނެ ކަމަށެވެ.
ނިއުގެ ސޕޯޓަރުންނަށް ސޮބާ ބުނީ ނިއު ނިކުންނަނީ ވޭތުވެ ދިޔަ ތިން އަހަރު ހޯދި ކާމިޔާބު ތަކުރާރުކޮށް އެއް ވަނަ ކުލަބުގެ ގޮތުގައި ސިޒަން ނިންމާލުމަށް ކަމަށެވެ.
އެކަން ހާސިލު ކުރުމަށް ނިކުންނަ އިރު ބޯޅަ އޮތީ ނިއު އަތުގައި ކަމަށް ސޮބާ ބުނެ އެވެ. އެއީ އޭއެފްސީ ކަޕްގައި ނިއުއިން ފަސް ޕޮއިންޓް ހޯދާފައިވާ އިރު އޭގެ ވެސް އެންމެ މުހިންމު ހިއްސާދަރަކީ ސޮބާއެވެ. ދިވެހި ޕްރިމިއާ ލީގް ތާވަލްގެ އެއްވައިގައި ވެސް އޮތީ ނިއު އެވެ. ނިއުއޮތީ ގައުމީ ފައިނަލްގަ އެވެ.
ސޮބާގެ އިމްތިހާނުން ފާސްވެ ނިއުގެ ސަޕޯޓަރުން ބޭނުންވާ ކާމިޔާބު ހޯދުމުގައި އޭނާއާއި އޭނާގެ ޓީމުން އޮތީ "މެކްސިމަމްގައި" ނިކުންނަން ތައްޔާރަށެވެ. ސޮބާ ބޭނުމީ ސަޕޯޓަރުންގެ ހިތްވަރާ ދުޢާ އެވެ.