26 Mar 2011, 13:04
ސަންޢާ : ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ވެރިކަން ދޫކޮށްލައްވަން ތައްޔާރަށް ހުންނެވިކަމަށް ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެއެވެ. ސާލިހް އިއްޔެ ވިދާޅުވީ މަޤާމު ދުކޮށްލައްވަން މިހާރު ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް ވެރިކަން ދޫކޮށްލައްވާނީ އަމާނާތްތެރި ބައެއްގެ އަތްމައްޗަށް ކަމުގައެވެ.
ޤައުމު ހަމަނުޖެހުންތަކެއްގެ ތެރެއަށް ނުވެއްޓޭނެ ގޮތަކަށް ވެރިކަން ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއިރު ސާލިޙްގެ ވެރިކަން ވައްޓާލުމަށްޓަކައި ޔަމަންގެ ރައްޔިތުންގެ އުތުރިއަރަމުންދާތާ ދެމަސްވާން ވަނީ ކައިރިވެފައިވެ އެވެ. އަދި ސާލިޙްގެ ދިގުލީ ވެރިކަމުގެ ނިޒާމް މިހާރުވަނީ ރޫޅޭން ކައިރިވެފައެވެ.
ސިފައިންގެ ގިނަ ޢަދަދެއްގެ ޔުނިޓްތަކާއި އިސް އޮފްސަރުން ސަރުކާރަށް ނުކިޔަމަންތެރިވެ ރައްޔިތުންނާ ބައިވެރިވެފައިވާއިރު ބައެއް ވަޒީރުންނާއި ގިނަޢަދެއްގެ ސަފީރުންނާއި ޑިޕްލޮމޭޓުންވެސްވަނީ ސާލިޙްގެ ނިޒާމް ދޫކޮށް، އޭނާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންނާ ގުޅުނުކަން ހާމަކޮށްފައެވެ.
އަދި ސާލިޙްގެ ޕާޓީގެ އިސްބޭފުޅުންތަކެއްވެސްވަނީ އިސްތިއުފާ ދެއްވައި ރައްޔިތުންނާ ބައިވެރިވެ ސާލިޙަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ. އިއްޔެގެ ހުކުރު ނަމާދަށްފަހު ވެސް ސަންޢާގެ ތަޣްޔީރު މައިދާނަށް ލައްކައެއްހާމީހުން އެއްވެ ސާލިޙްގެ ވެރިކަން ވައްޓާލުމަށް ގޮވާލާފައިވެއެވެ. އަދި ސާލިހަށް ތާއީދުކުރާ ފަރާތްތައްވެސް އޭނާގެ ނިޒާމަށް ދެމެހެއްޓުމަށް ގޮވާލާ މުޒާހަރާތައް ކޮށްފައިވެއެވެ.
ސާލިޙް އިއްޔެ ވަނީ އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން މީގެމަހެއްހާ ދުވަސް ކުރިން ހުށަހެޅި ޕްލޭން ޤަބޫލުކުރައްވައި ވެރިކަމުން ފޭބުމަށް ފުރަތަމަ ފަހަރަށް އެއްބަސްވެ ވަޑައިގެންފައެވެ.
މި ޕްލޭން ބުނަނީ މިއަހަރު ނިމުމުގެ ކުރިން ސާލިޙް ވެރިކަމުން ފޭބުމަށާއި އަލުން ބަރުލަމާނީ އަދި ރިޔާސީ އިންތިޚާބެއް ބާއްވައިގެން އާ ބަރުލަމާނަކާއި ރައީސަކު އިންތިޚާބު ކުރުމަށެވެ.
ސާލިޙް ކުރިން ވަނީ އޭނާ ރިޔާސީ ދައުރު، 2013 ވަނަ އަހަރު ނިމުމުގެ ކުރިން މަޤާމުން ދުރުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ގަދަބަސް ވިދާޅުވެފައެވެ. -- އަލްޖަޒީރާ، ބީބީސީ