04 Oct 2015, 10:02
މަސްމާރުކޭޓު ހުޅަނގު ފަރާތުގައި ދަތުރުނުކޮށް ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ހައުސިން މިނިސްޓްރީ އިން 15 ދުވަހުގެ މުހުލަތެއްދީފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓުރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަހު 15 ވަނަ ދުވަހުގެ ކުރީން އެ އުޅުނދުތައް އެ ތަނުން ނަގާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފި ނަމަ ފުލުހުންނާއި އެ މިނިސްޓްރީއާ ގުޅިގެން އެ އުޅަނދުތައް ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެންދާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ އުޅަނދުތައް ނެގުމުގެ ތެރޭގައި އުޅަނދަށާއި އުޅަނދުގެ ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ މިނިސްޓްރީ އިން ޒިންމާ ނުވާނެ ކަމަށެވެ. އަދި އުޅަނދު ނެގުމަށް ފަހު އަނބުރާ ދޫ ކުރެވޭނީ އުޅަނދު ނެގުމަށް ހައުސިން މިނިސްޓުރީން ކުރި ހަރަދު އުޅަނދުގެ ވެރި ފަރާތުން އެ މިނިސްޓްރީ އަށް ދެއްކުމުން ކަމަށް ވެސް ހައުސިން މިނިސްޓުރީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
މަސްމާރުކޭޓު ހުޅަނގު ފަރާތުގައި ހުރި އޮޑިދޯނި ފަހަރު އެ ސަރަހައްދުން ނަގަން ފަށާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ނެވެ.