26 Mar 2011, 12:58
ވޮޝިންގޓަން : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ގެ ނިޒާމް މާޔޫސީ ޙާލަތަކަށް ހިނގައްޖެ ކަމަށް ވިދާޅުވެ އެމެރިކާ ގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވާހަކަ ދައްކަވައިފިއެވެ.
ވޮޝިންގޓަންގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ހިލަރީ ވިދާޅުވީ ގައްޒާފީގެ ނިޒާމަށް އެތެރެއާއި ބޭރުން ކުރިމަތިވެފައިވާ މައްސަލަތަކާއި ފިއްތުންތަކުން ސަލާމަތްވާނެގޮތްތަކެއް އޮތްތޯ ބެލުމަށް ގައްޒާފީގެ އަރިސްފަރާތްތަކުން ބައިނަލްއަޤްވާމީ މަސްއޫލުވެރިންނާ ގުޅުއްވަން ފައްޓަވައިފި ކަމުގައެވެ.
އޭނާ ވިދާޅުވީ ގައްޒާފީގެ އަރިސް އެތަށް ބޭފުޅަކު ދުނިޔޭގެ ނަންމަޝްހޫރު ނުފޫޒުގަދަ ލީޑަރުންނާ ގުޅުއްވައި އޭނާގެ ވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަތަކުން ބޭރުވެވޭނެ އަލިމަގެއް ފެނޭތޯ ބައްލަވަމުން ގެންދާކަމުގައެވެ. ނަމަވެސް މިގުޅުންތައް ކުރިޔަށްދަނީ ގައްޒާފީއާއި އޭނާގެ ޢައިލާ ޤައުމުން ބޭރަށް ފިއްލަވައިގެން ދެވޭނެގޮތަކާބެހޭގޮތުންކަން ނުވަތަ ނޫންކަން ހިލަރީ ހާމައެއް ނުކުރައްވައެވެ.
ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ހުޅަނގުން ޙަމަލާތައް ދެމުންގެންދާތާ ހަފްތާއަކަށްވުރެ ގިނަދުވަސްވީއިރުވެސް ގައްޒާފީގެ ބާރުތައް ބަލިވަމުންދާ ކަމުގެ މާބޮޑު ނިޝާންތަކެއް އަދި ނުފެނެއެވެ. ނަމަވެސް ގައްޒާފީގެ ވައިގެ ބާރުތަކުގެ ބާރުކަނޑުވާލެވިއްޖެ ކަމަށްބުނެ ހުޅަނގުގެ ބާރުތަަކުން ބަޔާތައް ނެރެފައިވެއެވެ.
ލީބިޔާގެ ޢާންމުން ޙިމާޔަތް ކުރުމުގެ ނަމުގައި ހުޅަނގުގެ ބޮޑު ތިންބާރުން ހިންގާ ވައިގެ ޢަސްކަރީ އޮޕަރޭޝަންގައި ލީބިޔާގެ ޢާންމުންގެ އެތަށް ސަތޭކަބަޔަކު މަރުވެފައިވާ ކަމަށް ގައްޒާފީގެ ސަރުކާރުން ބުނާބުނުންތަކަކީ ޙަޤީޤަތް ނޫންކަން ސާބިތުކޮށްދިނުމަށްވެސް މިތިންބާރުވަނީ ނުކުޅެދިފައެވެ.
ރޭވެސް ހުޅނގުގެ ބާރުތަކުން ލީބިޔާގެ އެތަށް ރަށަކަށް ވައިގެ ޙަމަލާތައް ދިންކަމަށް ޚަބަރުތައް ބުނެއެވެ. އަނެއްކޮޅުން ލީބިޔާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ހިންގާ ވައިގެ އޮޕަރޭޝަންގެ ކޮމާންޑް ކުރިޔަށްއޮތް 24 ގަޑީއިރު ތެރޭގައި ނޭޓޯއާ ޙަވާލުކުރާނެކަން އެމެރިކާވަނީ ހާމަކޮށްފައެވެ.
މީގެ މާނައަކީ މިހާރު މިއޮޕަރޭޝަންގައި އިސްރޯލެއް އަދާކުރާ ފަރަންސޭސިވިލާތް މިކަމުން ދުރަށްދާންޖެހޭގޮތް ވުމެވެ. ފަރަންސޭސީންވަނީ މި ކަމާމެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފައެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް