04 Oct 2015, 09:44
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ޔޫއެން އަށް ނުސީދާ ގޮތަކަށް ރައްދު ދެއްވައިފި އެވެ.
ރައީސް ނަޝީދުގެ ޝަރީއަތް ހިންގާފައި ވަނީ އިންސާފުން ނޫން ކަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންސް އިން ބުނެފައި ވަނިކޮށް، އަދި ރައީސް ނަޝީދަށް މައާފް ދިނުމަށް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފައި ވަނިކޮށް ޔޫއެން ޖެނެރަލް އެސެމްބްލީގެ ހަތް ވަނަ ސެޝަންގައި އިއްޔެ ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ "ގާނޫނީ ހުކޫމަތު ހިންގުމުގައި ރާއްޖެ ނާކާމިޔާބު ނުވާނެ" ކަމަށެވެ.
"... ރާއްޖެއަކީ ގާނޫނީ ހުކޫމަތުގެ ވެރިކަން ހިނގާ ތަނެއް. އެއީ މުޖުތަމައުގައި ކޮންމެ މަގާމެއްގައި ހުރި މީހަކަށް ވިޔަސް، އަދި އެއީ އެކަމަށް އެންމެ އެކަށީގެންނުވާ ވަގުތުކަމުގައި ވިޔަސް ގާނޫނީ ހުކޫމާތު ދެމެހެއްޓުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން. އަޅުގަނޑަށް ޔަގީންކަން ދެވިދާނެ، މި މަސައްކަތުގައި އަޅުގަނޑުމެން ނާކާމިޔާބެއް ނުވާނެ،" ދުންޔާ ވިދާޅުވެފައިވެ އެވެ.
ދުންޔާ ވަނީ އެކަމަނާގެ ތަގުރީރުގައި ބައެއް ކަންކަމުގައި ޔޫއެން އަށް ތައުރީފު ކުރައްވައިފަ އެވެ. ނަމަވެސް އެހެން ބައެއް ކަންކަމުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ހަމަ ހަމަ ހައްގުތައް ( ބައެއް) ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކަށް ވެސް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ ހިންގުމުގެ ރަނގަޅު އުސޫލުތަކާއި ގާނޫނީ ހުކޫމަތު އެއްބައި ގައުމުތަކަށް ކިޔައި ދެވޭ އިރު އަނެއް ބައި ގައުމުތަކާ މެދު އަޅައި ނުލެވޭ ކަމަށެވެ.