04 Oct 2015, 10:12
ޖެނީވާ (އޮކްޓޯބަރު 4) : އަފްޣާނިސްތާނުގެ އުތުރުގެ ގުންދުޒް ސިޓީގެ ހޮސްޕިޓަލަށް އެމެރިކާ ސިފައިން ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވޭ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރު ޒައިދު ރައްދުލްޙުސައިން ތުހުމަތު ކުރައްވައިފި އެވެ.
އެމެރިކާގެ ވައިގެ ހަމަލާތަކުގައި ގުންދުޒްގެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިމީހުން ހިމެނޭ ގޮތަށް 19 މީހުން މަރުވެ އެތައްބަޔަކު ޒަޚަމްވެ އެހޮސްޕިޓަލްގެ ބޮޑުބައި އަނދައި އަޅިއަށް ވުމާގުޅިގެން އެކަން ކުށްވެރި ކުރައްވައި ޒައިދު ވިދާޅުވީ ހަނގުރާމައިގާ ވެސް މަދަނީ ތަންތަނަށް ހަމަލާދިނުމާ އަދި ޚާއްސަކޮށް ބަލިމީހުންތިބޭ ތަންތަނަށާއި ސްކޫލްތަކާއި ހޮސްޕިޓަލްފަދަ ތަންތަނަށް ހަމަލާތައް ދިނުމަކީ ޖެނީވާ ކޮންވެންޝަންގައި ހަނގުރާމައިގެ ޖަރީމާކަމަށް ސިފަކޮށްފައިވާ ކަންކަން ކަމުގަ އެވެ.

އެމެިރިކާގެ ހަމަލާތަކުގައި ގުންދުޒްގެ ހޮސްޕިޓަލް ގައި އަލިފާން ރޯވެ އަނދަނީ
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވެސް ވަނީ އެމެރިކާގެ މިހަމަލާތައް ކުށްވެރި ކުރައްވާފަ އެވެ. އެމެރިކާއަކީ ހަނގުރާމަތަކުގައި އެންމެ ގިނައިން އާންމުންނަށާއި މަދަނީ ތަންތަނަށް ޙަމަލާދޭ އެއްގައުމެވެ. އެމެރިކާއިން އަފްޣާނިސްތާނަށާއި ޕާކިސްތާނަށް ފައިޓަރ ޖެޓާ އަދި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކުގައި އާންމުންގެ އެތަށްހާސްބަޔަކު މަރައި އާއިލާތައް ހުރިހުރި ގޮތަށް ދުވަސް ދުއްވާލާފައިވެއެވެ. އަދި އިރާގަށް އަރައި އެމެރިކާ ހަނގުރާމަ ކުރިއިރުވެސް އެމެރިކާ ބޭނުންވާ މަގްސަދުތައް ހާސިލް ކުރެވޭނެ ނަމަ މަދަނީ ތަންތަނަށް ގަސްދުގައި ހަމަލާދޭ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. ނަމަވެސް ބައިނަލްއަގްވާމީ ނިޒާމު އޮންނަގޮތުންނާއި އެމެރިކާގެ ބާރާއި ނުފޫޒު އދ.ގެ މުއައްސަސާތަކުގައި ގަދަކަމުން އިންސާނީ ހައްގުތަކާ ޚިލާފަށް އެމެރިކާ ހިންގާ އަމަލުތަކާއި އެމެރިކާ ސިފައިން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ފަހަތުގައި ތިއްބަވާ އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރެވޭނެ ގޮތެއްނޯވެ އެވެ.
އެމެރިކާގެ ކުރީގެ އަނިޔާވެރި ވެރިޔާ ޖޯޖްޑަބްލިޔު ބުޝްއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފްވެ އަދި އދ. އަށް ގޮންޖައްސަވައި އިރާގާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރައްވައި އެގައުމަށް އަރައިގަނެ އާންމުންގެ އެތައް ހާސްބަޔަކު މެރިކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ. ނަމަވެސް ބުޝްގެ މައްޗަށްވެސް އިންސާފު ހިންގުމުގެ ފުރްސަތު އޭނާގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށް ނުލިބި އޭނާއަށް ވަނީ އެމެރިކާގައި އަމާންކަމާ އެކު ދިރިއުޅުއްވުމުގެ ފުރްސަތު ތަނަވަސްވެފަ އެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަރުކަށިވެރިންނާއި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދާ އަދި ސޫރިޔާގެ ހަނގުރާމައިގާ ޝާމިލްވާ އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލީޑަރުންގެ މައްޗަށްވެސްވަނީ ހަނގުރާމައިގެ ޖަރީމާތައް އާންމުންނާ ދެކޮޅަށް ހިންގާ ކަމުގެ ތުހުމަތު ކުރެވިފައެވެ. ނަމަވެސް މިއިން އެއްވެސް ފަރާތެއް އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމުގައި އދ. އާއި ބައިނަލްއަގްވާމީ މުއައްސަސާތަކަށް ކުރެވޭކަމެއް ނޯވެއެވެ.
އަފްޣާނިސްތާނުގެ ގުންދުޒްގެ ހޮސްޕިޓަލަކަށް އެމެރިކާ ސިފައިން ހުކުރުދުވަހުގެ ރޭ ދިން ހަމަލާތަކެއްގައި މަރުވި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިމީހުންގެ އަދަދު 19 އަށް އަރާފައިވާއިރު މީގެތެރެއިން ހަތް މީހުންނަކީ އެހޮސްޕިޓަލުގައި ފަރުވާދިނުމަށް އެނދުމަތިކޮށްފައިވާ ބަލިމީހުންނެވެ. އަނެއް 12 މީހުންނަކީ ޑޮކްޓަރުންނާއި ނަރުހުންކަމަށްވެއެވެ. އެމެރިކާގެ ހަމަލާތަކުގައި މަރުވެފައިވާ ނަރުހުންނާއި ޑޮކްޓަރުނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް ގެ ޑޮކްޓަރުންނާއި ނަރުހުން ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. ނޭޓޯއިންވަނީ މިހަމަލާދިނީ އެމެރިކާ ސިފައިންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމެރިކާ ވަނީ މިކަމަށް އެއްބަސްވުމަށް ފަސްޖެހިފައެވެ.
ގުންދުޒް އަށް އެމެރިކާ ސިފައިން ހަމަލާދޭން ފަށާފައިވަނީ ތާލިބާނުން އެރަށް ހިފުމުންނެވެ. ނަމަވެސް ބުދަދުވަހު އަފްޣާން ސިފައިންވަނީ އެރަށް އަނބުރައި އަފްޣާން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. (ނޫސްއެޖެންސީތައް)