ކްރިކެޓް ވޯލްޑް ކަޕަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ "ޑެއިލީ އިންޑިއާ" އިން މިއަދު ބުނެފި އެވެ.

އިންޑިއާ އާއި ސްރީ ލަންކާ އާއި ބަންގްލާދޭޝްގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނަމުން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ރަހުމާން މާލިކީ އާ ހަވާލާދީ، އިންޑިއާގެ އޮންލައިން ނޫޙެއްކަމަށްވާ ޑެއިލީ އިންޑިއާގައި ބުނަނީ ކްރިކެޓް ވޯލްޑްކަޕަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރު ކުރެވިފައި ވާކަމަށާއި އެތަނުން އެ ކަކީ ދިވެއްސެއް ކަމަށެވެ. އަދި އެމީހާ އަތުލައި ގަތުމުގައި މި ސަރަހައްދުގެ ގައުމުތަކުގެ ފުލުސް އޮފީސްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަމަށް ވެސް މާލިކީ އާ ހަވާލާދީ ޑެއިލީ އިންޑިއާއިން ބުންޏެވެ.

"ވަކި ނަސްލެއް. އަދި ވަކި ދީނަކަށް ބެލުމެއް ނެތި ތާލިބާނުންގެ ހަރަކާތްތައް އިންޑިއާގެ ތެރޭގައި މިވަނީ ފުޅާކޮށްފައި،" މާލިކީ ވިދާޅުވިކަމަށް އިންޑިއާ ޑެއިލީގައި ވެ އެވެ.

ޓެރަރިސްޓް ހަމަލާގެ އިންޒާރާ ގުޅިގެން އަންނަ ބުދަ ދުވަހު އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ ސެމީ ފައިނަލް މެޗާ ދިމާކޮށް އިންޑިއާގައި ވަނީ ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަ ކޮށްފަ އެވެ.

ދިވެހި ހާރިޖިއްޔާއިން މިއަދު ބުނީ ހައްޔަރުކުރި ކަމަށް އިންޑިޔާއިން ބުނާ ދިވެއްސަކީ އިގުބާލް މުހައްމަދު ކިޔާ މީހެއް ކަމަށާއި އޭނާއަކީ ސަލްޓަން ޕާކް ބޮމުގެ މައްސަލައާ ގުޅިގެން ފިލުމުން ހޯދަން ރެޑް ނޯޓިސް ނެރެފައިވާ މީހެއް ކަމަށެވެ.

"އިންޑިޔާ ނޫހުން ތުހުމަތު ކުރާ ދިވެއްސަކީ ދާދިފަހުން ރާއްޖޭގެ އެއާޕޯޓުން ހައްޔަރުކުރި، ސަލްޓަންޕާކް ބޮމުގެ ހަމަލާއާ ގުޅުހުންހުރި އިގުބާލު މުހައްމަދު، އެނޫން އެހެން މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ނުލިބޭ،" ހާރިޖިއްޔާގެ ޑައިރެކްޓާ އޮފް ކޮމިޔުނިކޭޝަން އިރުޝާދާ އަބްދުސައްތާރު ވިދާޅުވި އެވެ.

ފުލުހުން ބުނީ އިންޑިޔާއިން އެހެން ބުނަނީ ރާއްޖޭގައި އިގުބާލު ހައްޔަރު ކުރުމުން ކަމަށާއި އޭނާ ރާއްޖެއިން ހައްޔަރު ކުރުމާ ކްރިކެޓް ވޯލްޑް ކަޕަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރު ކުރުމާ އިންޑިޔާއިން ގުޅުވަނީ ކީއްވެގެންކަަން ނޭނގޭ ކަމަށެވެ.

ހާރިޖިއްޔާއިން ބުނީ އިގުބާލް، ކުރިކެޓް ވޯލްޑް ކަޕަށް ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރަނީ އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޭނާ ރާއްޖޭގައި ހައްޔަރު ކުރުމުން ކަމަށް ބެލެވޭ ކަމަށެވެ.

އިގުބާލް ރާއްޖޭގެ އެއާޕޯޓުން ހައްޔަރު ކުރީ މާޗް 10، 2011 ގައެވެ. އޭނާ ހުރީ ފުލުހުން ގެ ބެލުމުގެ ދަށުގަ އެވެ.

ގައުމީ ދިފާއީ ބާރުންވެސް ބުނީ އެފަދަ މައުލޫމާތެއް އަދި އެފަރާތަށް ލިބިފައި ނުވާކަމަށެވެ.
މީގެ ކުރިން ލަންކާގެ އެންމެ މަޝްހޫރު އެއް ދުވަހު ނޫސް، ދަ އައިލެންޑްވަނީ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އަލްގައިދާގެ ގްރޫޕަކުން ކްރިކެޓް ވޯލްޑް ކަޕަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ދިނުމަށް ރާވަމުން އަންނަކަމަށް ބުނެފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ރާއްޖޭގެ ދިފާއީ ބާރުން ދޮގުގުރި އެވެ.
މީގެ ކުރިންވެސް ޕާކިސްތާނުގައި ބައެއް ދިވެހިން ވަނީ ޓެރަރިޒަމްގެ ތުހުމަތު ތަކުގައި ހައްޔަރުކޮށްފަ އެވެ.