ދީނުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ ހަރާކާތްތައް އިސްލާމް ދީނަށް ނިސްބަތް ނުކުރުމަށް ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދުނިޔެއަށް ގޮވާލައްވައިފިއެވެ.

އދ. ގެ 70 ވަނަ ޖެނަރަލް އެސަމްބްލީގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، މިއަދު ރެފިއުޖީންގެ ގޮތުގައި އެތައްބަޔަކު އެމީހުންގެ ބިންތައް ދޫކޮށްފައި ދަނީ އިސްލާމްދީނުގެ ނަމުގައި ހިންގޭ ލޭ އޮރުވުމާއި ރަހުމު ކުޑަ ހަމަލާތަކުން ސަލާމަތް ވުމަށްކަމަށެވެ. ނަމަވެސް އެހިންގާ ލޭ އޮހޮރުވުމާއި ހަމަނުޖެހުންތަކަކީ އިސްލާމީ އުސޫލު ނޫންކަމަށާއި އެއީ އިސްލާމްދީނާ ދެކޮޅު ކަންތަތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ދީނުގެ ނަމުގައި ހިންގޭ ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ކުށްވެރި ކުރަން. އިސްލާމް ދީނުގެ ނަމުގައި އެފަދަ ޖަމާއަތްތަކުންނާއި ގުރޫޕްތަކުން އެކުރަނީ އިސްލާމީ އުސޫލްތަކާ ޚިލާފް ކަންތައްތަކެއް. އެހިންގާ ހަރަކާތްތައް އެހިންގަނީ އިސްލާމްދީނާ ދެކޮޅަށް،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، އިސްލާމް ދީނަކީ ރީތި ސިފަތަކެއް އެކުލޭވޭ ސުލްހައަށް ގޮވާލައި، ކަންކަން ބަލައިގަންނަ ފުރިހަމަ ދީނެއް ކަމަށާއި އެފަދަ ޖަމާއަތްތަކުގެ އަމަލުތަކުގެ ސަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީނާއި މުސްލިމުންނާމެދު ދެކޮޅު ހަރަކާތްތައް އިތުރުވަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ، އެފަދަ ޓެރަރިޒަމްގެ ހަރަކާތްތަކުން ހިންގާ ލޭއޮހޮވުންތާކާއި ހަމަނުޖެހުންތަކުގެ ބިރުވެރިކަމުން ސަލަމަތްވުމަށް އެތައް ބަޔަކު އެބައިމީހުންގެ ދިރިއުޅުމަށް ކުރި މަސައްކަތް ދޫކޮށް އަމިއްލަ ބިންތަކުން ނިކުމެގެން ކަނޑު މަގުންނާއި ބޯޑަރު ހުރަސްކޮށް ދަތުރު ކުރަމުންދާކަމަށެވެ.

އަދި އެފަދަ މީހުން އެ ދަތުރުކުރަނީ ކޮންމެހެން ގައުމަކަށް ހިޖުރަކުރުމުގެ ގޮތުން ނޫން ކަމަށާއި އެއީ އެއްވެސް ގޮތެއް ނެތިގެން ރެފިއުޖީންގެ ގޮތުން ދަތުރު ކުރަމުންދާ މީހުން ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

"އަމިއްލަ ބިންތައް ދޫކޮށް މާދުރަށް ދަތުރުކޮށްފައި އެދަނީ އެބައިމީހުންގެ ހާލަތު ރަނގަޅުކުރުމަށް އެބައިމީހުންގެ ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި،" ދުންޔާ ވިދާޅުވިއެވެ.

އދ.ގެ މަރުކަޒީ އިދާރާގައި ފަލަސްތީނުގެ ގައުމީ ދިދަ ނަގާފައިވާތީ އެކަމުގެ މައްޗަށް ވެސް ދުންޔާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

އެކަމަނާ ވިދާޅުވީ، މީގެ ހަތަރު ދުވަސްކުރިން ފަލަސްތީނުގެ ދިދަ އދ.ގެ މަރުކަޒީ އިދާރާގައި ނެގިގެން ދިއުމަކީ އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމަށް އެޅުނު ފާހަގަ ކުރެވޭ ފިޔަވަޅެއް ކަމަށެވެ.

އެހެންކަމުން ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް އެގަމުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމުގައި ހަމަޖެހިގެން ދިއުމުން ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.