26 Mar 2011, 11:36
އަހުމަދު ޝަރީފު ކުނިގޮޑަށް ދަނީ ކުނި އުކާލާކަށް ނޫނެވެ. ގޮނޑުހޮވާ ކަށް ވެސް ނޫނެވެ. އޭނާ ގޮނޑަށް ދާން ފެށީ ކުނި ގޮނޑުން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ގޮނޑުން އޭނާއަށް ފެނުނީ ފޮތެކެވެ. އާދައިގެ ފޮތެއް ނޫނެވެ. ކުނިވެފައިވާ ކުނި ބުނި ތަކުގެ ތެރެގޭގައި ވީދި ގަނޑުތައް ހަލާކުވާން ދޫކޮށްލާފައި އޮތް ކީރިތި ގުރުއާންގެ ފޮތެކެކެވެ. އެ ދުވަހު އެއް ފޮތެވެ. އެކަމަކު އޭގެ ފަހުން އޭގެ އެތައް މުސްހަފެއް ޝަރީފް ވަނީ ގޮޑުން ހޮވައި އޭނާގެ ގެއަށް ޖަމާކޮށްފަ އެވެ. ހަމައެއާއެކު ކުނިގޮނޑުން މުސްހަފު ހޯދަން ދިއުމަކީ އޭނާގެ އެންމެ ބޮޑު ޝައުގުވެރި ކަމަށް ވަނީ ހަދާފަ އެވެ.
"މީގެ ތިން މަސްކުރިން ފެށިގެން މިކަން (ގުރުއާން ހަތިމްތަކާއި ގުރުއާން ތަރުޖަމާތައް ގޮނޑުން ފެނުން) މިވަނީ އާންމު ކަމަކަށް ވެފައި،" ގޮޑުން ފެންނަ ހަތިމްތައް އެއްކުރަމުން، ގަންނަމުން އަންނަ ޝަރީފް ކިޔައިދިނެވެ. "އަޅުގަނޑު ނޫން އެހެން މީހުން ނަގާ ހަތިމުތައް ފައިސާ ދީފައި ގަނެގެން ވެސް ގެއަށް ގެންނަމުން މިދަނީ،"
މާތް ﷲގެ ކަލާންފުޅު، ގުރުއާން ފޮތް، ކުނިގޮނޑުން ފެނުމަކީ ޝަރީފުގެ ހިތަށް ކެތްވަވާވަރު ކަމަކަށް ނުވާތީ ގޮނޑުން ހަތިމް ހޮވަން ފަށާއި އެއްކުރަމުން ގޮސް މިއަދު ވެސް އޭނާގެ އަތުގައި އެތަކެއް ސަތޭކަ އާއި ގާތްކުރާ އަދަދަކަށް މުސްހަފު އެބަހުއްޓެވެ. މުޅިން ވެސް ގޮނޑުން ގޮވި ހަތިމެވެ.
"ދުވާލަކު 10 އާ ގާތްކުރާ އަދަދުތަކަށް ގޮނޑުން މުސްހަފު ފެނޭ. ބައެއް ދުވަސް ދުވަސް ނުފެނި ވެސް ދޭ. އެކަމަކު ގިނަ ދުވަސް ދުވަހު ފެނޭ،" ޝަރީފް އެއްކޮށްފައި ހުރި ބައެއް މުސްހަފުތަކުގެ ކައިރީގައި ހުރެ ކިޔައިދިނެވެ.
ޝަރީފް ހޮވާފައިވާ މުސްހަފުތަކުގެ ތެރޭގައި އެންމެ ގިނައީ އިސްލާމިކް މިނިސްޓްރީން ކުށްހުރި ކަމަށް ބުނާ ގުރުއާނުގެ ދިވެހި ތަރުޖަމާ އެވެ. އޭގެ ތެރޭގައި މައުމޫން ސަރުކާރުގެ ތަރުޖަމާއާއި ނާސިރު ސަރުކާރުގެ ތަރުޖަމާ ހިމެނެ އެވެ. މޭޒެއްގެ މަތީގައި މުސްހަފުތަށް އަތުރާލާފައި ހުރި އިރު އޭގެ ތެރޭގައި އުރައިން ނުވެސް ކަޑާ ހުރި މުސްހަފުތައް ވެސް ހުއްޓެވެ. އަނެއްބައި މުސްހަފުތަށް ފޯވެގެން ގޮސް ހަލާކުވުމާ ގާތްވެފައި ވާއިރު ގުރުއާނުގެ އިނގިރޭސި ތަރުޖަމާ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެއްވެސް ތަރުޖަމާއެއް ނުހިމެނޭ އާރޯތަނާކޮށް ހުރި ސީދާ ގުރުއާން ހަތިމުތައް ވެސް އެބަހުއްޓެވެ.
ކީރިތި ގުރުއާންގެ ފޮތްތައް ކުނިގޮނޑުން ފަހަކަށް އައިސް ފެންނަމުން ދާކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ބުނެ އެވެ.
"މި ފަހަކަށް އައިސް އަޅުގަނޑުމެންނަށް އެބަ އާދޭ ރިޕޯޓްތަށް ގުރުއާން އުކާލާފައި ހުންނަކަމުގެ. މިއީ ވަރަށް ނުރައްކާތެރިކަމެއް. އެކަމާ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،" އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދު ﷲޖަމީލް ވިދާޅުވި އެވެ.
ކީރިތި ގުރުއާން އުކާލާފައި ހުންނަ ހުރުމުގައި ކިތަންމެ ބަޔެއްގެ އިހުމާލުތަކެއް ވާއިރު އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ނައްތާލަން ބޭނުންވާ ގުރުއާންތައް ކޮންމެ ގަޑިއެއްގައި ވެސް އެ މިނިސްޓްރީއަށް ބަލައިގަންނަ ގޮތަށް ހަމަޖައްސާފަ އެވެ.
"އަޅުގަނޑުމެން ކޮންމެ ގަޑިއެއްގައި ވެސް މިހާރު އެފަދަ މުސްހަފުތަށް ބަލައިގަންނަން. އެގޮތުން ބަންދު ގަޑިތަކުގައިވެސް ވޮޗަރުން މި ކޮޅުން އެފަދަ މުސްހަފުތަށް ބަލައިގަންނާނެ،" އަހުމަދުﷲ ވިދާޅުވި އެވެ.
"މީގެ ކުރިން މުސްހަފުތަށް އަންދާފައި އޭގެ އަޅި ކަނޑަށް މި ފައްތަނީ އެކަމަކު މިހާރު ރައްކާތެރި ހިސާބެއްގައި ފުނަށް މި ވަޅުލަނީ،"
ޝަރީފު ބުނީ އޭނާ ގޮނޑުން ގުރުއާން ފޮތް، ހޮވަން ފެށުމާއެކު އެކަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސް އެތަކެއް ހަތިމެއް ފޮށި ފޮށީގައި ބަންދުކޮށް މިނިސްޓްރީއަށް ގެންދިއުމުން ހަވާލުވެފައި ނުވާ ކަމަށާއި މިނިސްޓްރީން ހަވާލުވާން ފެށީ މާ ފަހުން ކަމަށެވެ.
ގޮނޑު ނަގަމުންދާ ގިނަ އަދަދެއްގެ ގުރުއާން މުސްހަފުތަކާ މިނިސްޓްރީން ހަވާލުވާން ފެށި ނަމަވެސް ޝަރީފު މިހާރު ނިންމާފައި ވަނީ ދެން އެއްގޮތަކަށް ވެސް މުސްހަފުތައް ހަވާލު ނުކުރުމަށެވެ.
"އަޅުގަނޑު މިހާރު މުސްހަފުތަށް އެއްކޮށްފައި ގޭގައި ރައްކާތެރިކޮށް މި ބަހައްޓަނީ. އަޅުގަނޑު ބޭނުންވަނީ މި ތަކެތި ނައްތާލުމަށް ވުރެ ބޮޑަށް ގޮޑަށް ދިޔުން ހުއްޓުވުން. މިއީ ނުރައްކާތެރި ބޮޑު މައްސަލައެއް،" އޭނާ ބުންޏެވެ.