03 Oct 2015, 23:33
ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވީނަމަވެސް ކަންކަން ކުރެވޭ، ނަތީޖާ ނެރެވޭ ގައުމެއްކަން ރާއްޖެއިން ދައްކައިދީފައިވާކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އދ. ގެ 70 ވަނަ ޖެނަރަލް އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ މީގެ 50 އަހަރު ކުރިން އދ.ގެ މެންބަރަކަށްވުމަށް ރާއްޖެއިން ހުށަހެޅުމުން ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން ރާއްޖޭގެ ގާބިލިއްޔަތު ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި މިއަދު އެފަރާތްތަކަށް ރާއްޖެއަކީ ނަތީޖާ ނެރެފައިވާ ގައުމެއްކަން ހާމަކުރަން ބޭނުންފުޅުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ރައްޖެއަކީ ނަތީޖާ ނެރެވޭނެ ގައުމެއް ކަމާމެދު ސުވާލު އުފެއްދި ފަރާތްތަކަށް ދަންނަވާލަން ބޭނުން ވަނީ ދިވެހީންނަކީ ހަމައެކަނި ކަންކުރަން ތައްޔާރަށް ތިބި ބައެއް ނޫން. ދިވެހީންނަކީ ކަންކަން ކުރެވޭ ބައެއްވެސްމެ. ދިވެހީންނަކީ ހަމައެކަނި ކަންކަން ކުރުމުގެ ގާބިލުކަން ހުރި ބައެއް ނޫން. ދިވެހީންނަކީ އަގުވެސް ހުރި ބައެއް،" ދުންޔާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ހާސިލުކުރަން ބޭނުންވާ އަޒުމާއެކު އިޚްލާސްތެރިގޮތުގައި މަސައްކަތްކުރަމުންދާނަމަ ކޮންމެ ކަމެއްވެސް ރާއްޖެއަށް ކުރެވޭނެކަމަށެވެ.
ކޮންމެ މައްސަލައަކަށްވެސް ހުރިހާ ދިމާލަކުން ބަލަންޖެހޭކަމަށާއި ހަގީގީ ދުނިޔޭގައި މައްސަލަތަކަށް ހައްލު ލިބޭނީ ހަގީގީ ހައްލު ހުށަހެޅިގެން ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި ކުދި ގައުމުތަކުގެ ކުރިއެރުމަށާއި ތަރައްގީއަށް އެންމެ ކުރީސަފުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވިއެވެ.
"ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގުރީ ސެލްސިއަލްގައި ބޭއްވުމަށް ރައްޖެއިން މިދަނީ މަސައްކަތް ކުރަމުން. އެކަމަށްޓަކައި ބޭރު ކުރާ ވިހަ ގޭސްތައް އަޅުގަނޑުމެން މިދާނީ މަދު ކުރަމުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރަނގަޅު އަޒުމެއްގައި. އަޅުގަނޑުމެން ފަދަ ކުދި ގައުމުތަކުން މިކަމަށް މަސައްކަތް ކުރަމުންދާއިރު ކީއްވެތޯ ބޮޑެތި ގައުމުތަކަށް މަސަކަތް ނުކުރެވެންވީ،" ސުވާލު އުފައްދަވައި ދުންޔާ ވިދާޅުވިއެވެ.