26 Mar 2011, 10:28
މާލެ އާއި ދެ އަތޮޅެއްގައި އަލިފާނުގެ ތިން ހާދިސާއެއް ހިނގައފި އެވެ. އޭގެތެރެއިން ދެ ހާދިސާއެއްގައި އަލިފާން ރޯވީ ށ. ނޫމަރާގަ އާއި ލ. ފޮނަދޫގަ އެވެ. ދެން އަލިފާން ރޯވެފައި ވަނީ މާލޭސިޓީގެ މ. ނީލޯފަރުމާގޭގެ ބައެއްގައި ރޭގައެވެ.
މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ގައުމީ ދިފާއީ ބާރުން ބުނީ ރޭ 9:00 ޖަހާ އެހާކަންހާއިރު ނީލޯފަރުމާގޭގައި އަލިފާން ރޯވީ އެގޭގައި ފިލައިން ޑެކްއަޅާފައިވާ ޓެރަސް މަތީގައި ކަމަށާއި ޑެކްގައި އަލިފާން ރޯވި ނަމަވެސް ބޮޑެތި ގެއްލުންތައް ނުލިބެނީސް ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލެވުނު ކަމަށެވެ.
ށ. ނޫމަރާގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެރަށުގައި ހުންނަ ބޮޑު ނިކަ ގަހެއްގައި ރޯވެގެނެވެ. ގައިމީ ދިފާއި ބާރުން ބުނީ ނޫމަރާގެ ނިކަގަހެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކުޅުދުއްފުށީގައި ތިބޭ ސިފައިން ގޮސް އަލިފާން ނިއްވާފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން އެ ގަހުގެ ބޮޑުބައެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ.
ލ. ފޮނަދޫ ގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެ ރަށުގެ ކުރިގަމު އަވަށުގެ ވަލުގައި އިއްޔެ އިރުއޮއްސުނު ވަގުތު އެވެ. ކުރިގަމު ވަލުތެރޭގައި އަލިފާން ރޯވުމުގެ ސަބަބުން ވަލުތެރޭގައި އޮތް ކެޔޮ ދަނޑެއް އެއްކޮށް އަނދައި ހުލިވި އެވެ.