03 Oct 2015, 20:08
ތަފާތު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި 115 ފުޅި ބަނގުރަލާއި ފަސް ދަޅު ބިޔަރާއި ބަނގުރާ ހުރި އެއް ރީނދޫ ހަމެއްގެ އިތުރުން މަސްތުވުމަށް ބޭނުންކުރާ 25 އާލާތެއް ކަމަށެވެ. އެއީ 44 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބަނގުރާފުޅިތަކެއް މިއަދު ނައްތާލަނީ-- ސަން ފޮޓޯ: އަލީ ނަސީރު
ދޫނިދޫގައި މިއަދު ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެކަމާބެހޭ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލަކާއި މިނިވަން މުއައްސަސާތަކުން ދެ ފަރާތާއި ފަނޑިޔާރެކެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކު ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް ކޮމެޓީގެ މެމްބަރުން ހަމަނުވާތީ ކޮންމެ ހޮނިހިރު ދުވަހަކު ބަނގުރާ ނައްތާނުލެވެއެވެ.