އެއްވަނަ އަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް ގދ. ތިނަދޫ އަބްދުﷲ އަހުމަދު ފައުންޑޭޝަނުން ގުރުއާން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެއީ ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ އަހުމަދު އޭނާގެ ބައްޕަ އަލްމަރުޙޫމް އަހުމަދު ހުސައިން ގެ ހަނދާނުގައި ބާއްވާ ގުރުއާން މުބާރާތެކެވެ.

އަބްދުﷲ އަހުމަދު ވިދާޅުވީ އެ މުބާރާތަކީ އެމަނިކުފާނުގެ ބައްޕަގެ ހަނދާނުގައި ބާއްވާ މުބާރާތެއް ކަމަށާއި އޭނާގެ ބައްޕައަކީ އަހަރުތަކެއް ވަންދެން ކުދިންނަށް ގުރުއާން އުނގަންނައި ދިނުމުގައި އުޅުނު އެދުރެއް ކަމަށެވެ. އޭގެ އިތުރުން ތިނަދޫ ދަރިވަރުންގެ ހިތުގައި ގުރުއާނާ މެދު ލޯބި ޖެއްސުމަކީ މުބާރާތުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ތެރޭގައި ވެސް އަބްދުﷲ އަހުމަދު ވަނީ ތިނަދޫ ޕްރީސްކޫލެއް ކަމުގައިވާ ރަޢުލާ ޕްރީ ސްކޫލާއި ގުޅިގެން އޭނާގެ ބައްޕަގެ ހަނދާނުގައި އެ ސްކޫލުގެ ތުއްތު ކުދިންނަށް ގުރުއާން މުބާރާތެއް ބާއްވާފަ އެވެ.

މިފަހަރު ބާއްވާ މުބާރާތް ކުރިއަށް ގެންދަނީ ތިނަދޫ ހަވަރު ސްޕޯޓްސްއާ ގުޅިގެންނެވެ. އެ ދެފަރާތުން މިހާރު ވަނީ މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.